ގައިދީންނަށް އަމާޒުކޮށްގެން ހިންގާ ”ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން“ ކޯހުގެ 09 ވަނަ ބެޗު މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.
ކަރެކްޝަނަލް ސަރވިސްއިން ބުނީ 24 ފިރިހެން ގައިދީން ބައިވެރިވާ މި ކޯސް ކުރިއަށްދާނީ ފަސް ހަފްތާގެ މުއްދަތަށް ކަމަށެވެ.
ކަރެކްޝަންގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުން ކިޔަވައިދެއްވާ މި ކޯހުގައި މައިގަނޑު ހަތް މޮޑިއުލް ކިޔަވައިދެއްވާނެއެވެ.
މޮޑިއުލްތަކުގެ ތެރޭގައި:
ޑޮމެސްޓިކް ސިންގަލް ފޭސް އެންޑް ތްރީ ފޭސް އިލެކްޓްރިކަލް ވަޔަރިންގ.
އިންސްޕެކްޝަން.
ޓެސްޓިންގ.
ފޯލްޓް ފައިންޑިންގ އެންޑް ރިޕެއަރ އިން ޑޮމެސްޓިކް އިންސްޓޮލޭޝަން.
އިނގިރޭސިއާއި ހިސާބު ވެސް ކިޔަވައިދެއްވާނެ.
މި ކޯހުގެ މަގުސަދަކީ ކޯހުގެ ބައިވެރިންނަށް ކަރަންޓު ވައިރުކުރުމާއި ބެހޭ މައުލޫމާތު ދިނުމާއި، ވައިރު ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ތަކެތި ކިޔައިދީ، ކަރަންޓް ވައިރު ކުރުމުގައި ވިސްނަންވީ ކަންތައްތައް އަންގައިދީ، ބޭސިކް ކަރަންޓު ވައިރު ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން ޖަލުން ނުކުތުމަށްފަހު އާންމު ދިރުއުޅުމުގައި އުޅޭއިރު ޢާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމެވެ.