ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންގެ ތަރައްގީގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ 08 ޤައުމެއްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން, އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންގެ ތަރައްޤީގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދީފައިވާ ކަމަށެވެ. އަދި އެކަން ހާސިލު ކުރުމުގައި ބައިނަލްއަޤުވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ ތިން އަސާސެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ތިން އަސާސަކީ އިންސާނީ ޙައްޤުތައް ކުރިއަރުވައި، ހިމާޔަތް ކުރުމާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، މޫސުމާގުޅޭ ސިޔާސަތުތައް ކުރިއެރުވުމެވެ.
މީގެ އިތުރުން ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކުގެ މައްޗަށް ރައީސް އަލިއަޅުއްވައިލެއްވިއެވެ. އަދި ދަތުރުފަތުރުކުރުމުގައި ލުއިފަސޭވުމަކީ ސަގާފީ ގުޅުންތަކާއި، އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ހިއްވަރު ލިބި، ސުލްހަ މަސަލަސްކަމާއި، ތަނަވަސްކަމާއި، ކުރިއެރުވުމަށް ވާސިލުވެވޭނެ ފާލަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން އެހެން ޤައުމުތަކަށް އޮން އެރައިވަލް ވިސާ ދެމުން އަންނަ ކަމަށާއި، އެ ޤައުމުތަކުންވެސް ދިވެހިންނަށް ދަތުރުފަތުރު ކުރުމުގައި ލުއިގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މާހޮސްޕިޓަލުގާ ބޭނުންކުރާނެ މެށިނެއްނެތަސް ހެޔޮދޯ އެއީތަ ރައްޔިތުންބޭނުންވާތަރައްގީއަކީ