ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މާދަމާ ބާއްވާ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާނީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން އިލެކްޝަން ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅަން އޮންނަ މުއްދަތު އިތުރު ކުރުމަށްޓަކައި ރިޔާސީ އިންތިޚާބާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުށަހަޅައިފައެވެ.
އީސީން ހުށަހެޅި ބަދަލަކީ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލެއްވުމަށް މިހާރު ޤާނޫނުގައި އޮތް މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.
އެ ބަދަލު ގެންނަން ނިންމީ މިހާރު އެކަމަށް 10 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައި އޮތުމުން އެ މުއްދަތު ކުރުކަމުން އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކަށް ބޮޑެތި އުނދަގޫ ކުރިމަތިވާތީއެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާާއި, ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒު ހުށަހަޅުއްވާފައިވާ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވެސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.