ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއެކު ރޭ ކުރިއަށްދިޔަ ބައްދަލުވުމަކީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅު, ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ޢަލީ ނިޔާޒާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާ ދެ ބޭފުޅުން ޤާސިމްއެކު ބޭއްވި ބައްދަލުވުމެއްގެ ފޮޓޯއެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ ސަން އައިލެންޑް ރިސޯޓުގައެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުން ނިޔާޒާއި އަސްލަމާ ދެބޭފުޅުން ޤާސިމާ މަޝްވަރާ ކުރެއްވީ ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ ގޮތުންނެވެ.
ޢަލީ ނިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށެވެ. އަދި މިސްރާބު ހުރީ ކޯލިޝަނާއެކު އެމްޑީޕީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމުގެ މަގަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޯލިޝަނެއް ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޞާލިޙަށް ދިނުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެމްޑީޕީއާއެކު ކޯލިޝަން ހަދާނެކަމެއް އަދި އެއްވެސް ޕާޓީއަކުން ހާމަކޮށްފައެއް ނުވެއެވެ.