މީގެ 07 އަހަރު ކުރިން ލ.މުންޑޫ ވަގުތީ ހިޔާ ކައިރިން ހިނގާފައި ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ މަރައިލި އެ ރަށު ނޫވިލު, ޢަލީ ޒިޔަދަމްގެ ގާތިލަށް މަރުގެ އަދަބު ދިނުމަށް އޭނާގެ ވާރިސުން މިއަދު ޝަރީޢަތުގެ މަޖިލީހުގައި އެދިއްޖެއެވެ.
މަސް ކަނޑަން ބޭނުންކުރާ ވަޅިއަކުން ހަމަލާދީ ޒިޔަދަމް މަރައިލީ 2015 ވަނަ އަހަރު މާޗުމަހުގެ 20 ވަނަ ދުވަހުގެރޭގައެވެ.
ޒިޔަދަމް މަރައިލި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލީ މުންޑޫ ބީޗުވިލާ ޢަލީ ސިފާމް (29 އ) އާއި, އެ ރަށު ހީނާވިލާ މުޙައްމަދު ޝަނޫން (24 އ) ގެ މައްޗަށެވެ.
ޝަނޫންގެ މައްޗަށް ޒިޔަދަމް މަރައިލިކަމުގެ ކުށް ސާބިތުވެފައިވާއިރު, ސިފާމްގެ މައްޗަށް ވަނީ ޒިޔަދަމް މަރައިލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެފައެވެ.
ގަސްދުގައި މީހަކު މެރި މައްސަލައަކަށްވާތީ އަދަބު ކަނޑައެޅޭނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމަށްފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޒިޔަދަމްގެ ނުވަ ވާރިސުން ވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.
ޒިޔަދަމް މަރައިލިއިރު އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް އޭގެފަހުން މަންމަ ވަނީ ނިޔާވެފައެވެ. ޒިޔަދަމްގެ މަންމަ ދުނިޔޭގައި ހުރިއިރު ފުލުހުންނަށް ދިން ބަޔާނުގައި ވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.
މި މައްސަލައިގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ޙުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:30 އަށެވެ.