ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ޒުވާނެއް ކަމަށްވާ އެމްޑީ އަލަމްގީރް ނުވަތަ އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވާ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު) ގެ ފަރާތުން ދިފާޢީ ހެކި ހުށަހަޅުއްވައިފިއެވެ.
ނަޝީދަށް ކުރާ އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދަޢުވާގެ އަޑުއެހުމެއް މިއަދު 10:00 ގައި ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ.
މިއަދުގެ އަޑުއެހުމުގައި ނަޝީދުގެ ފަރާތުން ވަނީ ދިފާޢީ ހެކި ހުށަހަޅުއްވައިފައެވެ. ނަމަވެސް ޝަރީޢަތް ކުރިއަށް ގެންދަނީ މީހުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން ކަމަށްވާތީ އޭނާގެ ފަރާތުން ހުށަހެޅުއްވީ ކޮން ހެކިތަކެއް ކަމެއް ސާފެއް ނުވެއެވެ.
ދެން އޮންނާނީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހެޅުމެއް ހުށަހަޅަން ބޭނުންނަމަ އެ ފުރުސަތު ދިނުމަށް ބާއްވާ އަޑުއެހުމެވެ.
މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ނަޝީދުގެ ފަރާތުން ވަނީ އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަކަމަށް ބުނާ ވީޑިއޯގެ ތާޑް ޕާޓީ އެނަލަސިސް ހެދުމުގެ ހުއްދައަކަށް އެދިފައެވެ. ނަމަވެސް ޝަރީޢަތުން ނިންމާފައިވަނީ ކޯޓުން އިންތިޒާމުކުރާ ގޮތެއްގެ މަތިން އެ ތަކެތި ދިރާސާކުރުމުގެ ފުރުސަތު ދިނުމަށެވެ.
ވީޑިއޯގެ ތާޑް ޕާޓީ އެނަލަސިސް ހެދުމަށް ނަޝީދުގެ ފަރާތުން އެދިފައިވާތީ އެނަލަސިސް ހަދާ ފަރާތުގެ މަޢުލޫމާތު ލިޔުމުން ހުށަހެޅުމަށް ޝަރީޢަތުން މީގެ ކުރިން ވަނީ އަންގާފައެވެ.