މާލޭގެ މަގުތަކުގައި ސަލާން ޖަހައިގެން ފައިސާ ހޯދަން އުޅުނު ޖަޕާނުގެ އަންހެން މީހާ, ކޮންމެ ދުވަހަކު އިމިގުރޭޝަނާ ހާޒިރުވާންޖެހޭ ގޮތަށް ބަންދުން ދޫކޮށްލައިފިއެވެ.
މާލޭގެ މަގުމަތީގައި ޖަޕާނު އަންހެނަކު ސަލާން ޖަހަން އުޅޭކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތު ފުލުހުންގެ ސަމާލުކަމަށް އައުމުން އޭނާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މަޢުލޫމާތު ސާފުކުރުމަށްފަހު އިމިގުރޭޝަނާ ހަވާލުކުރީ މި މަހުގެ 16 ގައެވެ.
އިމިގުރޭޝަން މިދިޔަ ހުކުރު ދުވަހު ބުނީ އެ އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށެވެ. އަދި އޭނާއާ ގުޅޭގޮތުން ފާހަގަވެފައިވާ މައްސަލައިގައި އިމިގުރޭޝަންގެ ޤާނޫނާ ޚިލާފުކަމެއް ހިމެނޭތޯ ބަލަމުންދާ ކަމަށް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.
އިމިގުރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށާއި ކޮންމެ ދުވަހަކު ވެސް ތަޙްޤީޤަށް ހާޒިރުވެ ޖަވާބުދާރީވާ ގޮތަށް އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.