ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙާ ހަވާލުކުރުމަށް ބޭއްވި ޖަލްސާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިއާ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. މާރިއާ ވިދާޅުވީ ރިޔާސީ ޓިކެޓް ރައީސް ޞާލިޙާ ހަވާލުކުރުމަށް ބޭއްވި ޖަލްސާއިން “ޢަދަދު“ ފެނިއްޖެ ކަމަށާއި ރައީސް ޞާލިޙް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެކަން އިދިކޮޅަށް ޔަގީންވެއްޖެ ކަމަށެވެ.
“ވޯޓުލައިގެން ވެރިކަން ނުލިބޭނެކަން ޔަގީންވުމުން ވޯޓު ނުލައި 7-2-2012 ގަ ވެރިކަން ހޯދި ގޮތަށް ހޯދާނަމޭ ހިތާ ތެޅިފޮޅެނީ.“
މާރިޔާ ވިދާޅުވީ 11-11-2023 ގައި ރައީސް ޞާލިޙް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާނެ ކަމަށެވެ.
މާރިއާއަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ޞާލިޙަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެންމެ ގިނަވެގެން ރައީސް ޞާލިޙަށް ލިބިވަޑައިގަންނަވާނީ 40,000 ވޯޓުކަމަށާއި އެއީ ވޯޓުލާ މީހުންގެ %15 ކަމަށް އާޒިމް ވިދާޅުވިއެވެ.