އަމިއްލަ ގޮތުން ވާދަކުރައްވައި ހދ.ހިރިމަރަދޫ ކައުންސިލް މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ޢާއިޝަތު ޖުވައިރިޔާ އިއްޔެ އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޖުވެއިރިޔާގެ މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލާއެވެ.
“ހދ.ހިރިމަރަދޫ ކައުންސިލް މެމްބަރު އަލްފާޟިލާ ޢާއިޝަތު ޖުވައިރިޔާ އެމްޑީޕީއާއި ގުޅިވަޑައިގެން މެމްބަރޝިޕް ފޯމު ޗެއަރޕާސަން ފައްޔާޟް އިސްމާޢީލާ ހަވާލުކުރައްވައިފި. މަރުޙަބާ ޢާއިޝަތު ޖުވައިރިޔާ.“ އެމްޑީޕީން އިއްޔެ ކުރި ޓުވީޓުގައި ލިޔެފައި ވެއެވެ.
ހިރިމަރަދޫ ކައުންސިލްގައި ދެން ތިއްބަވާ މެންބަރުންނަކީ,
މުޙައްމަދު ވަޙީދު (ރައީސް) އާއި, އަޙްމަދު ޝަރީފް (ނައިބު ރައީސް) އާއި, މުޙައްމަދު އަރުޒަންއާއި, އާމިނަތު ނުހާއެވެ. އެ ހަތަރު މެންބަރުންނަކީ ވެސް އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.