ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ނުފެށި ލަސްވާތީ އެ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން މިއަދު އިހުތިޖާޖުކޮށްފިއެވެ.
ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތުގެ ތަނބުތަކުގައި ރެނދުލައި ގެއްލުންވަމުންދާތީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ޢިމާރާތުގައެވެ. ނަމަވެސް އެ ތަނަކީ ދަރިވަރުންނަށް ކިޔަވައިދިނުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެ ވޭތުވެދިޔަ ދުވަސްތަކުގައި އެ ސުކޫލުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބާޖަމާލުއްދީނު ބިމުގައި ޢަރަބިއްޔާގެ އައު ޢިމާރާތް ހަދަން ސަރުކާރުން ނިންމާފައިވާއިރު, އެޑިއުކޭޝަނުން ބުނެފައިވަނީ މި އަހަރު އެ ޢިމާރާތް ނިމޭނެ ކަމަށެވެ.
އާ ޢިމާރާތުގެ މަސައްކަތް ނުފެށި ލަސްވާތީ އެ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން މިއަދު ވަނީ އިހުތިޖާޖުކޮށްފައެވެ.
”އަޅުގަނޑުމެން މިއަދު މި ކަންބޮޑުވުން ފާޅުކުރަނީ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ވޭތުވެދިޔަ އަހަރުގެ ކުރީ އަހަރު ޑިސެމްބަރުމަހު. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް އާ ޢިމާރާތުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ.. މަސައްކަތް މިހާރު ހުއްޓިފަ އޮތް ތަން މި ފެންނަނީ.“ އިހުތިޖާޖުގެ ތެރެއިން ވާހަކަ ދެއްކެވި ޢަރަބިއްޔާ ސްކޫލުގެ މުވައްޒަފަކު ވިދާޅުވިއެވެ.
”ބިންގާ އަޅަން މި ލަސްވަނީ ވޯޓު ލާ ދުވަހުގެ ކުރީ ދުވަހަށްތޯ.“
އޭނާ ވަނީ މިކަން ސިޔާސީ ކަމަކަށް ނުހައްދަވައި ވީހާވެސް އަވަހަށް އެ ޢިމާރާތުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންފައެވެ.
މިއަދު ކުރި އިހުތިޖާޖުގައި އެކިއެކި ޝުޢޫރުތައް ފާޅުކޮށްފައިވާ ބޯޑުތައް ހިފައިގެން ބައެއް މީހުން ތިިބިއިރު އެއިން އެއް ބޯޑުގައި ވަނީ ކުރިން ބުނި އެތި ކެންސަލްވީތޯ ސުވާލު ކޮށްފައެވެ.
މި ލަފާކޮށް 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު އެންމެ ފުރަތަމަ ޢަރަބިއްޔާގެ އައު ޢިމާރާތަށް ލޯ ލާރިއެއް ވެސް ނުހިމަނައެވެ. ނަމަވެސް ފާޑުކިޔުން އަމާޒުވުމުން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވީ އެއީ އޮޅިގެންވީ ކަމެއް ކަމަށެވެ.