ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިއުލާނުކޮށްފިއެވެ.
އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ, އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވީ ހަތަރު ބޭފުޅުންނެވެ.
ކުރިމަތިލެއްވި ބޭފުޅުން:
ކެންޑިޑޭޓް ނަންބަރު 01: އަޙްމަދު މުޖްތަބާ ޢަބްދުﷲ – މަހިލަނބުމާގެ/މާދަޑު, ފުވައްމުލައް.
ކެންޑިޑޭޓް ނަންބަރު 02: ޙަސަން ވާސިފް ޙުސައިން – ފަޅަގަޑިގެ/ފުނާޑު, ފުވައްމުލައް.
ކެންޑިޑޭޓް ނަންބަރު 03: ސަޢުދުﷲ އަޙްމަދު ޙަސަން ދީދީ – ނޫރީފެހި/ފުނާޑު, ފުވައްމުލައް.
ކެންޑިޑޭޓް ނަންބަރު 04: މުޙައްމަދު ނޫރު އަޙުމަދު – ލަކީ/މާލެގަން, ފުވައްމުލައް.
މި އިންތިޚާބު އޮންނާނީ އަންނަ މާޗުމަހުގެ 04 ވާ ހޮނިހިރު ދުވަހުއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ ލިސްޓު, އެ މެންބަރުން ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށާއެކު އެމްޑީޕީން އިއްޔެ ވަނީ ޢާންމުކޮށްފައެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށް ބަދަލުކުރަން ބޭނުންވާ މެންބަރުން އެކަމަށް ޚާއްސަ ފޯމް ފުރިހަމަ ކުރުމަށްފަހު, މި މަހުގެ 21 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުޙައްމަދު ނިޒާމް މިދިޔަ މަހުގެ 30 ވަނަ އިސްތިއުފާ ދެއްވުމުންނެވެ. ހަމަ އެ ދުވަހު އޭނާ ވަނީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް އިލެކްޝަން ކޮމިޝަނަށް ފޯމު ވެސް ހުށަހަޅުއްވައިފައެވެ.
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި, އޭނާގެ އަމިއްލަ ނަފްސާއި ދަރިންގެ މުސްތަގުބަލު ތާށިކުރުމުގެ އެއްވެސް ބޭނުމެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާތީ ޕާޓީގެ ފުވައްމުލަކު ސިޓީގެ ރައީސްގެ މަގާމުންނާއި, ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގަންނަވަން ނިންމެވީ ކަމުގައެވެ.