އދ.މަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމުގެ މަގާމަށް އެ ރަށު ޢާއިޝަތު ޝެހެނާޒް އިންތިޚާބުވެވަޑައިގެންފިއެވެ.
މަންދޫ ކައުންސިލްގެ އަންހެން މެންބަރު މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހަށް ހަމަވިއިރު ކުރިމަތިލެއްވީ ހަމައެކަނި މަންދޫ/އައުގެ، ޢާއިޝަތު ޝެހެނާޒެވެ.
ޝެހެނާޒް ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ.
އިލެކްޝަން ކޮމިޝަނުން އިއްޔެ ބުނީ މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ތާވަލުކުރި މަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށްކަމަށްވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޝެހެނާޒް އެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ ކަމަށެވެ.