އަށާރަ ވަނަ ބައި.
”ދަރިފުޅު ކަންބޮޑުނުވޭ! މަންމަ މިހިރީނު!“ އައިންތު ބޭނުންވީ ރިހާން ހިތްހަމަ ޖައްސައިދޭށެވެ.
އެދެމައިންގެ ވާހަކަ އަޑު އަހަމުން މޭޒުމަތީ ހުރި ހުސްތަށިތައް ނަގާ ސިންކަށް ލަމުން ދިޔަ މުސްކާންގެ ހިތުގައި އުފަންވީ އެހެން ޚިޔާލެކެވެ.
މުސްކާން، ތަށިތައް ބަހައްޓާ! ދައްތަ ދޮވެލަފާނަން! އޮފީސް ހެދުން ހަޑިވެދާނެ ނު!“ އައިންތު އާދައިގެ މަތިން ތަށިތައް ދޮންނަން ސިންކް ކައިރިއަށް ޖެހިލިއެވެ.
މުސްކާން އަތް ދޮވެގެން އައިސް އަތް ފޮހެމުން ޓިޝޫކޮޅު ޑަސްބިމަށް ލާފައި ހިނގައިގަތީ އޮފީހަށް ދާން ނިކުންނާށެވެ.
އެރޭ ނިދަން އޮށޯވެ މުސްކާން ވަރަށް ވިސްނިއެވެ. އެކި ދިމަދިމާއަށް ފިކުރު ހިންގިއެވެ. މުސްކާންގެ ޑިގްރީ ނިމެން އަދި ތިން ސެމެސްޓަރ އެބައޮތެވެ. އެ ހިސާބުން ނިންމާލާކަށް މުސްކާން ބޭނުމެއް ނޫނެވެ. މިހާރު މިލިބޭ މުސާރައިން މުސްކާންއަށް ކޮންމެވެސް އެއްޗެއް ރައްކާކުރެވޭނެއެވެ. އަދި ޑިސެމްބަރ މަހާ ދެމެދު މި ހޭދަވާ މަސްތަކުން ލިބޭ އެއްޗަކުން ….. މުސްކާން ހިސާބު ހަދައިލިއެވެ. އެއްކުރެވިދާނެއެވެ. އައިންތު ގާތު އަހައިގެން އެމީހުންނާއެކު މުސްކާން ވެސް އުމުރާއަށް ދާނިއެވެ. އެ ޚިޔާލު މުސްކާންގެ ހިތުގައި ހިނގައިގަތީ އުންމީދުގެ ހުޅުކޮޅެއް ދިއްލައިދެމުން ހައްދެއްނެތިއެވެ. ފުރޮޅިލާފައި މުސްކާން ހިނިތުން ވެލިއެވެ. މަންމަ ގާތުގައި އެވާހަކަ ދައްކާނީ ކޮންމެވެސް ވަރަކަށް ލާރި އެއްކުރެވުނީމައެވެ. އަދި އައިންތުއާ އެ ވާހަކަ ދައްކާނީ ވެސް ފަހުންނެވެ. އެ ވަގުތު މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން މުސްކާން ސަމާލުވެލިއެވެ. ކަންފަތް އެކަމަށް ހުއްޓައިލިއެވެ. ފިޔަވަޅުގެ އަޑު ދިޔައީ ސިޑިބަރިއާ ދިމާއަށެވެ. ވީ ގޮތް މުސްކާން އަށް އެނގިއްޖެއެވެ.
އިރުކޮޅަކު އޮތްގޮތަށް އޮތުމަށްފަހު ބޯހިއްލާލާ އައިންތަށް ބަލައިލިއެވެ. އައިންތު އޮތީ ގަދަ ނިދީގައެވެ. އެހެންކަމުން މުސްކާން ވެސް ތެދުވެ ހިނގައިގަތެވެ. ސިޑިބަރިއާ ދިމާއަށެވެ.
މަޑުމަޑުން ފިޔަވަޅުގެ އަޑު ނީއްވައި ސިޑިން މައްޗަށް އެރި މުސްކާންއަށް ފެނުނީ ކުރީ ރޭވެސް ހުއްޓިހުރިތަނުގައި ރިހާން ހުއްޓައެވެ. ޔަގީނުންވެސް ފާޅުނުކުރިއަސް ރިހާންގެ ހިތުގައި ލައްކަ ގިނަ ޚިޔާލު އެނބުރޭނެއެވެ. ހާދަ ވިސްނުމެއް ވިސްނާނެއެވެ. މަޑުމަޑުން ހިނގާލާފަ ރިހާން ކައިރިއަށް ދިޔަ މުސްކާން ރިހާންގެ ވަރަށް ކައިރީގައި މަޑުކޮށްލިއެވެ.
”މުސްކާން!“ ހުރިގޮތަށް ހުރެ ރިހާން މުސްކާންގެ ނަމުން ގޮވައިލުމުން މުސްކާންއަށް ލިބުނީ ހައިރާންކަމެކެވެ.
އެހެން އަހައިލަން ވެސް މުސްކާން ބޭނުންވިއެވެ. މުސްކާން އެތަނަށް އައިކަން އެނގުނު ގޮތަކާ ބެހޭގޮތުންނެވެ. އެހެންނަމަވެސް ކުރީ ރޭ ވެސް ރިހާން ހިތްހަމަ ނުޖެހި ހުރި ހަނދާން ވުމުން އެ ސުވާލު ކުރާކަށް ނުކެރުނެވެ.
”ނިދި ނާންނަނީތަ!“ މުސްކާން ކުރީ ރިހާން އުންމީދު ކުރި ސުވާލެއް ނޫނެވެ.
”ނިޒާމު އެއްކޮށް އެހެން މިހެން! މުޅި ދިރިއުޅުން ވެސް ވަރަށް ގަޑުބަޑު!“ އެންމެ ފަހުން ބުނި ޖުމުލަ ހިނދިގެން ދިޔައީ ރިހާންގެ ކަރުތެރެއަށެވެ. ބުނި އެއްޗެއް ފަހުމުކުރަން މުސްކާން ވިސްނާލަން ޖެހުނެވެ.
”ކީއްވެގެންތޯ އަހަރެން އަހައިފިއްޔާ ރިހާން ރުޅި އައިސްދާނެ! އެހެންވީމަ…. ނާހާނަން!“ މުސްކާން ބުނި އެއްޗަކުން އަދި ބުނި މައުސޫމު ގޮތަކުން ރިހާންއަށް ހެވުނެވެ. އެކަމަކު އެކަމެއް މުސްކާން އަކަށް ނޭނގުނެވެ.
”އަހަރެން ހިތަށް އަރާ!….. ހިތަށް އަރާ!“ ރިހާން އަކަށް އެހެން ބުނާކަށް ނުކެރުނެވެ.
”ބުނެބަލަ! އަހަރެން ބޭނުން ރިހާން ހިތަށް އަރާއެއްޗެއް އެނގެން.!“ މުސްކާންގެ އަޑުގައިވަނީ އާދޭހެވެ.
”ހެ ހެ! އަޅާނުލާ! އެ ވާހަކަ އެއް ނުދެއްކޭނެ!“ ރިހާން އެ ޚިޔާލު ފާޅުކުރާކަށް ބޭނުމެއް ނުވިއެވެ.
”އަހަންނަށް ދެއްކިދާނެ!“ ތަންކޮޅެއް އަޑު ހަރުކޮށް މުސްކާންއަށް ބުނެވުނެވެ. މުސްކާންގެ އަޑު އިވުމުން ރިހާންއަށް ހައިރާންކަމެއް ވެސް ލިބުނެވެ.
”އަހަންނަށް ކެރޭނެ ވެސްމެ ދައްކަން! އިންސާނުންނަށް ކަންކަމަށް ކެތްކުރެވޭނީ ވަކި ވަރަކަށް. އެ އަށްވުރެ މައްޗަށް ކެތްކުރަން އުޅެފިއްޔާ ދެން ބޯގޯސް ވާނީ! މީހާ ހަލާކުވާނީ! އެހެންނޫނަސް…. ލޯތްބަކީ އެއަށްވުރެ މާ އަމިއްލަ އެދުން ބޮޑު އިޙުސާސެއް. އެއަށްވުރެން މާ ބާރުގަދަ އިޙުސާސެއް. ކީއްވެތަ ރިހާންއަށް މިކަން ނޭނގެނީ!“ އިރެއް އިަރަކަށް މުސްކާންގެ އަޑު ބާރުވަމުން ދާތީ އެންމެ ފަހުން ރިހާން މުސްކާންގެ އަނގަމަތީ އަތްއެޅީއެވެ.
އެކަމަކު ވެސް އެ އަތް ދުރަށްލާފަ އަލުން މުސްކާން ވާހަކަ ދައްކަން ފެށިއެވެ.
”ކީއްވީ، އަޑު އަހަން އުދަނގޫވީ؟“ މި ފަހަރު މުސްކާންގެ އަޑުގައިވަނީ ޖެއްސުމެވެ.
ރިހާން އެއްވެސް އެއްޗެކޭ ނުބުންޏެވެ. ހަގީގަތުގައި ވެސް މުސްކާންގެ ހިތުގެ ޖަޒުބާތު އަޑު އަހާކަށް ރިހާން އަކަށް ފަސޭހައެއް ނޫނެވެ.
”ރިހާން، އަހަރެން މިހެން ބުނާކަށް ލަދެއް ނުގަނޭ! އަދި މި ނިންމުން ނިންމުނީތީ ދެރައެއް ވެސް ނުވޭ! އަހަރެން…“
”ކޮން ނިންމުމެއް!“ މުސްކާންގެ ވާހަކަ މެދުކަނޑާލާފަ ރިހާން ވާހަކަ ދެއްކިއެވެ.
މުސްކާން ހިމޭންވިއެވެ. އޭނާއަށް މާބޮޑަށް ޖަޒުބާތީ ވެވުނީއެވެ.
”މުސްކާން، ޖަވާބުދީބަލަ…. ކޮން ނިންމުމެއްހޭ!“ މިފަހަރު ރިހާންގެ އަޑުގައިވަނީ އަމުރެވެ.
”ބޭނުން އެނގެން؟“ މޮޅިވެރި އަޑަކުން މުސްކާން ސުވާލުކުރިއެވެ. އިރުކޮޅެއް ފަހުންނެވެ.
”ވަރަށް ބޭނުން!“
”ދަރިފުޅާ، ރިހާން…. ކާކާ ތި ވާހަކަ ދައްކަނީ!… މުސްކާން އެބަހުރިތަ!“ ރިހާންއާ މުސްކާންއަށް އެއްފަހަރާ ފަހަަތަށް ސިޑިއާ ވީފަރާތަށް އެނބުރެވުނެވެ. ދެމީހުންނަށް ވެސް ލިބުނީ ޝޮކެކެވެ. އެއިވުނީ އައިންތުގެ އަޑެވެ. އެދެ މީހުންނާ މެދު އައިންތު ދެން ހީކުރާނީ ވެސް ކީކޭހެއްޔެވެ! މުސްކާން ވަރަށް ދެރަވެ ކަންބޮޑުވެއްޖެއެވެ. އެ ދެމީހުން ދެއްކި ވާހަކަ އަނެއްކާ އައިންތަށް އަޑު ނީވޭހެއްޔެވެ!
”މުސްކާން …މަންމަ… މަންމަ!“ ގަތްބިރުން ރިހާން އަކަށް ވާހަކައެއް ނުދެއްކުނެވެ.
”ދައްތާ! އަހަރެމެން ވާހަކަ ދައްކާލަނީ…. އަހަރެންވެސް މިހިރީ މިތާ!…. ނިދި ނައިސްގެން ޓެރެހަށް އައި އިރު ރިހާން ހުރި… އެހެންވެ އަނގަތަޅާލަނީ!“ ސިޑިއާ ދިމާއަށް ދަމުން ދަމުން މުސްކާން ބުންޏެވެ.
”މިހާރު މާ ދަންވެއްޖެ! ދެމީހުން ވެސް ނިދަން އުޅޭ!“ މިފަހަރު އައިންތުގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ.
ރިހާންގެ ކުރިއަށް އަަރައިގެން ގޮސް މުސްކާން ސިޑިން ފޭބި އިރުވެސް އައިންތު ހުރިތާ ހުއްޓެވެ. މުސްކާންއަށް އިޙުސާސްކުރެވުނީ އައިންތު ހުރީ މުސްކާންގެ މޫނަށް ބަލަހައްޓައިގެން ކަމެވެ. ކިތަންމެ ލަދުގަނެ ޖެހިލުން ވެފައި ހުއްޓަސް މުސްކާން ހިނިތުން ވެލަމުން އައިންތު ފަސްދީ ގޮސް ކޮޓަރީގެ ދޮރުމަތީ ކުޑަ މަޑެއް ޖެހިލިއެވެ. އޭރު ރިހާން ސިޑިން ފައިބާ އަޑު މުސްކާންއަށް އިވެއެވެ.
އައިންތު އެނބުރި އައިސް ކޮޓަރިއަށް ވަނީ ރިހާން ގޮސް ކޮޓަރިއަށް ވަނުމުންނެވެ. އޭރު ބިއްދޮށަށް އެނބުރި އޮތް މުސްކާންއޮތީ ދެލޯ މަރާލައިގެން ގައިގާ ބެޑްކަވަރު އަޅައިގެންނެވެ. އައިންތު ކޮޓަރިއަށް ވަދެ ވެސް އިރުކޮޅަކު ނޯށޯވެ މަޑުކޮށްލިއެވެ. މިރޭ މި ފެނުނު މަންޒަރާ މެދު ވިސްނުމުގައެވެ.
އަނެއްކޮޅުން މުސްކާން ވިސްނަމުން ދިޔައީ ދެން މިފަދަ ފަޟީހަތެއް ނުވާނެ ގޮތެކެވެ. އައިންތުގެ ހިތުގައި މުސްކާންއަށް ދެވިފައިވާ ޤަދަރާ އިޙުތިރާމަށް ބުރުލެއް އަރާފަދަ ކަމެއް ނުކޮށް އޭނަ އެންމެ ދެކެން ބޭނުންވާ މީހާއާ އެކު ކުޑަނަމަވެސް ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަކީ ކޮބައިތޯއެވެ. އެހެން އެތާ، ޓެރސްގައި ރިހާންއާއެކު މުސްކާން ހޭދަކުރާ ކޮންމެ ވަގުތުކޮޅަކީ މިލިއަނުން ގުނާލަން ެވސް މުސްކާންއަށް އުނދަގޫ ވަގުތުކޮޅެއް ނޫނެވެ. އެކަމަކު ދެން ….. ދެން މުސްކާން އުޅެން ޖެހޭނީ ވަރަށް ބަލައިގެންނެވެ.
އައިންތު ގޮސް އޮށޯތްއިރު ވެސް މުސްކާން އޮތީ އެ ޚިޔާލުގައެވެ. މިރޭ … މިރޭ ހާމަކޮށް ފާޅުކުރަން މުސްކާން ބޭނުންވި އޭނަގެ ހިތުގެ އިޙުސާސް ބޭރުކޮށް ނުލެވި މިރޭ ވެސް އެ ވަގުތު ބީވެގެން ދިޔައީއެވެ. އެހެންނަމަވެސް ރިހާން…… ރިހާންއަށް ހަމަ އެކައްޗެއް ވެސް ނޭގެނީހެއްޔެވެ! އެ ހިތުގައި މުސްކާންއަށްޓަކައި ހަމަ ޚާއްސަ އެއްވެސް އިޙުސާސެއް ނުހިނގަނީހެއްޔެވެ! ފަހަރެއްގައި ރިހާންގެ ހާލަތުގެ ގޮތުން އެކަން ފާޅުކުރަން ބޭނުން ނުވަނީއެވެ. ވަރިހަމަ އެވެ. މުޅިދުނިޔެއާ ދެކޮޅަށް ވެސް މުސްކާން ރިހާން ހާސިލުކުރާނެއެވެ. އެކަމަކު…. އެކަމަކު ރިހާން މުސްކާން ދެކެ ލޯބިވުން، އެއީ ހަމައެކަނި މިލޯބީގައި އޮތް ޝަރުޠެވެ. މުސްކާން ހީނލިއެވެ. އެދެއަތުގެ ތެރޭ…. އެ ޖާދުލެއްކަހަލަ ދެ ލޮލަށް ބަލަހައްޓައިގެން މުޅި ދުނިޔެ ހަނދާން ނައްތާލާފައި ވެސް މުސްކާންއަށް މުޅި އުމުރު ހޭދަ ކުރެވިދާނެއެވެ. މުސްކާންގެ އެ ހިތްވަރު އެބަހުއްޓެވެ. އަދި އިތުރަށް ވެސް އެ ހިތްވަރު މުސްކާން ލިބިގަންނާނެއެވެ.
ހައިދަރު އޮފީހުން ލިބުނު ހަމަސް ދުވަހުގެ ކޯސް ފުރިހަމަ ކުރުމަށް އޮސްޓްރޭލިއާއަށް ފުރިތާ ހަފުތާއެއް ވަނީއެވެ. ގޭތެރޭގައި މުސްކާންއާ ރިހާން އެކަނި ވާނެ ވަގުތެއް އައިންތުއެއް ނުދެއެވެ. މުސްކާން ކިތަންމެ ފާރަލިޔަސް ފަތިސްނަމާދަށް ފަހު އައިންތު އިންނަނީ ގުރުއާން ކިޔެވުމަށް ހޭލައެވެ. އިރު އަރަންދެނެވެ. ރޭގަނޑު އައިންތު ނިދަނީ މުސްކާން އައިސް ކޮޓަރިއަށް ވަނީމައެވެ. އައިންތު ނިދާއިރު ހޭލާ އޮވެވުނަސް މުސްކާންއަށް ބޭރަށް ނިކުންނާކަށް ނުކެރެއެވެ. އައިންތު ފާރަލާ ވަރު ވަރުގަދަ ކަމުންނެވެ. ސިޓިންގރޫމުގައި މުސްކާން މަސައްކަތެއްގައި ހުއްޓަސް އައިންތު އެތާ އުޅޭނެއެވެ. ހީވަނީ މަހުން މަހަށް މުސާރަދީގެން މުސްކާންގެ ހަށިފާާރަވެރިޔަކަށް ބަހައްޓާފައިހުންނަ މީހަކު އޭނަގެ ވާޖިބު ފުރިހަމައަށް އަދާކުރެވޭތޯ ހިތްވަރު ކުރާހެންނެވެ.
އެހެންވިޔަސް ކޮންމެވެސް މަގެއް ދައްކަވާނެއެވެ. މުސްކާން ވާގި އެދެމުން ދިޔައީ ހެއްދެވި ފަރާތުންނެވެ. އެ ފަރާތުން ކެނޑިނޭޅި މުސްކާން އެދެމުން ދިޔައީ ދެކަމަކަށެވެ. އެއީ މުސްކާންގެ ހަޔާތުގެ ބައިވެރިއަކަށް ރިހާން ވުމަށާ ރިހާންގެ ލޮލަށް ފެނުން ދެއްވުން އެދިއެވެ. ހިތް ނިޔަތް ތެދުވެރިއްޔާ އޭނަގެ އެދުން ފުއްދަވައިދެއްވާނެ ކަމަށް މުސްކާން ޔަގީން ކުރެއެވެ.
އެއީ ބުރާސްފަތި ދުވަހެކެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް ފަތިހު ތެދުވެފައި ވެސް އައިންތު އޮށޯތެވެ. އެހެންނަމަވެސް ކޮޓަރިން ބޭަރަށް ނިކުންނާކަށް މުސްކާން އަކަށް ނުކެރުނެވެ.
ހޭލާ އޮވެ އޮވެ ވެސް މުސްކާންގެ ލޮލަކަށް ނިންޖެއް ނައެވެ. އަނެއްކޮޅުން އެހެންދުވަސް ދުވަހު އައިންތު ސައި ހަދަން އުޅޭ ގަޑި ޖެހުނު އިރުވެސް އައިންތެއް ނުތެދުވެއެވެ. އެހެންކަމުން މުސްކާން މަޑުމަޑުން ނިކުމެ ރޮށިފިހުމުގެ މަސައްކަތުގައި އުޅެން ފެށިއެވެ. ކުރީ ދުވަހު ހެދި ލާންކާއެއްޗެހި ހުރުމުން ރޮއްޓެއް ފިހެލާނީއޭ ހިތައެވެ. ރޮށި ފިހެ ނިންމާލާފަ ދެން ވެސް ބަދިގޭގައި ހުރި ހުރިހާކަމެެއް ކޮށްނިންމައިލި އިރު އޭރު އައިންތުގެ ހަނދާނެއް މުސްކާންގެ ނުވެސް ނެތެވެ. ބަދިގޭގައި އުޅުނު މުސްކާންއަށް ހޭވެރިކަން ވީ ރިހާންގެ އަޑުންނެވެ.
”މަންމާ، ކޮފީއެއް!“ އޭރު ރިހާން ހުރީ މުސްކާންއާ ދާދި ގާތުގައެވެ. ބަދިގެއިން ކައްކާ ވަހާ ތަށިތަކުގެ އަޑު އިވޭތީ ރިހާން ނިކުތީ ކޮފީއެއް އަތުލުމަށެވެ. އެހެން ދުވަސް ދުވަހެކޭ އެއްގޮތަށެވެ.
މުސްކާންއަށް ބަލައިލެވުނީ ރިހާންގެ މޫނަށެވެ. ދާދި ގާތުންނެވެ. އަދި ކުޑަކޮށް އިސްތަށިފަޅާލާފައިވާ ތުބުޅިއަށެވެ. ދެން އެ ބައްޓަން ރީތި ތުންފަތަށެވެ. އެއަށްފަހު ދެލޮލުގެ މަތިން ކުޑަކޮށް ހިއްލިލާފައިވާ ހަމަ އެހާ ބައްޓަން ރީތި ބުމައަށެވެ.
”މަންމާ!“ މިފަހަރު ރިހާންގެ އަޑަށް މުސްކާން ދިޔައީ ހަގީގަތުގައި ވެސް ސިއްސައިގެންނެވެ.
”ރިހާން، … މީ މަށޭ!“ މުސްކާންގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. އެކަން ރިހާންއަށް ވެސް ފާހަގަވިއެވެ.
”ކޮބާ މަންމަ!“ އޮޅުން ފިލުވަން ބޭނުންވާ ރާގަކަށް ރިހާން ސުވާލުކުރިއެވެ.
”އަދި ނުނިކުމޭ!…. އިށީނދޭ! އަހަރެން ކޮފީ ހަދައިދޭނަން!“ އެ އަޑުގައިވަނީ އަޅާލުމެވެ. ލޯތްބެވެ. ރިހާން ހިފެހެއްޓީ ކައިރީހުރި ގޮނޑީގެ އަތްގަނޑުގައެވެ.
-ނުނިމޭ-
Alhey kon dhuhukun tha anehbai iny