ކައިވެނީގެ ހަފުލާތަކަށް ހާއްސަކޮށްގެން ޝެއިހް އަލީ ޒައިދު ”ކައިވެނި“ ގެ ނަމުގައި އުފެއްދެވި މަދަހަ އަލްބަމް ނޭ ނެރެފި އެވެ.
އެ ނެރެން ރޭ މެންހަޓަން ހޯލްގައި ބޭއްވި ހަފުލާގައި އަލްބަމް ނެރެދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
”ކައިވެނި“ އަލްބަމްގައި ހިމެނެނީ ތާރައާ އެކު ކިޔާފައިވާ 16 މަދަހެވެ. މީގެ ބައެއް މަދަހަތަކެއް ޒައިދު ވެސް ކިޔުއްވާފައިވާ އިރު، ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންގެ އަޑު ވެސް އަލްބަމްގައި ހިމެނެ އެވެ. އޭގެ ތެރޭގައި ޝަލަބީ އިބްރާހީމް، މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އަދި ހުސައިން އަލީ ހިމެނެ އެވެ.
”ކައިވެނި“ އަލްބަމް އުފެއްދީ އަލް-ކައުން އާއި ކުޑައިއްބެގެ ޓޮނިކް ލައިވް ސްޓޫޑިއޯ ގުޅިގެންނެވެ. މީގެ މަދަހަތައް މިހާރު ޔޫޓިއުބުން އަޑު އަހާލެވޭނެ އެވެ.