އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހު ވަގުތު 4-2 އިން އެސްޓަންވިލާގެ މައްޗަށް އާސެނަލް އިން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 23 މެޗުން ލިބުނު 54 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 23 މެޗުން ލިބުނު 51 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު މިރޭގެ މެޗުން ބަލިވި އެސްޓަންވިލާ އޮތީ 28 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ.
އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗުގެ 5 ވަނަ މިނެޓްގައި އޮލީ ވޮޓްކިންސް ވަނީ ވިލާ އަށް ލީޑު ނަގާދީފަ އެވެ. ވޮޓްކިންސް މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މެޗުގެ 16 ވަނަ މިނެޓްގައި ބުކާޔޯ ސަކާ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އާސެނަލް އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ފިލިޕޭ ކުޓީނިއޯ ވަނީ އަލުން ވިލާ އަށް ލީޑު ނަގާދީފަ އެވެ. ވިލާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް މެޗުގެ 61 ވަނަ މިނެޓްގައި ޒިންޗެންކޯ ވަނީ ދެވަނަ ފަހަރަށް އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ ފަހު 20 މިނެޓްތެރޭ ދެ ޓީމުން ވެސް ލީޑު ނަގަން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިލާގެ ލިއޯން ބެއިލީ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑަށް ވެސް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.
ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އާސެނަލް އިން ވަނީ ލީޑު ނަގާފަ އެވެ. މި ގޯލަކީ ވިލާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޖޯޖީނިއޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ވިލާގެ ގޯލްކީޕަރު އެމީ މާޓިނޭޒްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ މާޓިނެއްލީ ވަނީ އާސެނަލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން ތިން ޕޮއިންޓު އެޓީމަށް ކަށަވަރުކޮށްދީފަ އެވެ.
މިއީ ތިން މެޗަށް ފަހު ލީގުގައި އާސެނަލް އިން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީއާ އެވެ.