މިދިޔަ ޖޫން މަހު ތޫނު އެއްޗަކުން ހަމަލާދީ މަރާލި އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ހަމަޖެހިއްޖެ އެވެ.
މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 1:30 ގަ އެވެ. ޒަޔާން މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
އެގޮތުން މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ޔަޢީޝް އަންވަރު ސ.ހިތަދޫ / ކަދުރުމާގެ، އައިލިޝް ޢަލީ ސ.ފޭދޫ / ފުފޫމާގެ، އަޙްމަދު ޝުޢާޢު ސ.ފޭދޫ / ދިރިމާގެ، އަޙްމަދު ނަބީލް ސ.ފޭދޫ / ސަންޝައިން، ނިޒާރު ސ.ފޭދޫ / ކާމަރަގަގެ، އަޙްމަދު ސ.ފޭދޫ / ކަރަންފޫގެ އަދި ޝިޔާޢު ރަޝީދު ސ.ފޭދޫ / ދިރިމާގެ މައްޗަށެވެ.
މިމައްސަލައިގައި ޔަޢީޝް އަންވަރު އަދި އައިލިޝް ޢަލީގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ދައުވާއާއި ބިރުދެއްކުމުގެ ދައުވާގެ އިތުރުން ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާގެ 8 ދައުވާއެވެ.
މިމައްސަލައިގައި ހިމެނޭ އަޙްމަދު ޝުޢާޢު، އަޙްމަދު ނަބީލް، ނިޒާރު އަދި އަޙްމަދު ގެ މައްޗަށް ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ، ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާގެ 8 ދައުވާއެވެ. މީގެއިތުރުން ޝިޔާޢު ރަޝީދުގެ މައްޗަށް ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އަދި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާގެ 4 ދައުވާއެވެ.