ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދަޢުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ.
ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ޒުވާނެއް ކަމަށްވާ އެމްޑީ އަލަމްގީރް ނުވަތަ އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ނަޝީދު ހައްޔަރުކުރި ނަމަވެސް ތަޙްޤީޤު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްއަށް މައްސަލަ ފޮނުވުމަށްފަހު ފުލުހުން ވަނީ ނަޝީދު ބަންދުން ދޫކޮށްލައިފައެވެ.
ޝަރީޢަތުގެ ޚުލާސާ:
މި މައްސަލައިގެ ޝަރީޢަތް ފެށީ މިދިޔަ އޮގަސްޓުމަހުގެ 30 ވަނަ ދުވަހު 15:30 ގައި.
ޝަރީޢަތް ކުރިއަށް ގެންދަނީ މީހުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން.
ފުރަތަމަ އަޑުއެހުމުގައި ދަޢުވާ އިއްވި. އަދި ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު ބަހުސް ކުރެވުނު.
ދެވަނަ އަޑުއެހުން ބާއްވަން ތާވަލުކުރީ އޮކްޓޫބަރު 4 ވަނަ ދުވަހަށް. ނަމަވެސް ވާރޭވެހި ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ފެންވަނުމާ ގުޅިގެން އަޑުއެހުން ކެންސަލް ކުރި.
އޭގެފަހުން އޮކްޓޫބަރު 6 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވި. ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައިވާތީ އެކަމަށް ގޮތެއް ނިންމި.
އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަކަމަށް ބުނާ ވީޑިއޯގެ ތާޑް ޕާޓީ އެނަލަސިސް ހެދުމުގެ ހުއްދައަކަށް އެ އަޑުއެހުމުގައި ނަޝީދުގެ ފަރާތުން އެދުނު.
ނަމަވެސް ދައުލަތުން އެދުނީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ނަޝީދަށް ދިނުމުގެ ބަދަލުގައި ޝަރީޢަތުން އިންތިޒާމުކުރާ ގޮތެއްގެ މަތިން އެ ތަކެތި ދިރާސާކުރުމުގެ ފުރުސަތަކަށް.
ދައުލަތާއި ދިފާޢުގެ ވާހަކަތަކަށް ރިޢާޔަތްކޮށް ޝަރީޢަތުން ނިންމީ އެ ގޮތަށް އަމަލު ކުރުމަށް. އަދި ވީޑިއޯގެ ތާޑް ޕާޓީ އެނަލަސިސް ހެދުމަށް ނަޝީދުގެ ފަރާތުން އެދިފައިވާތީ އެނަލަސިސް ހަދާ ފަރާތުގެ މަޢުލޫމާތު ލިޔުމުން ހުށަހެޅުމަށް ޝަރީޢަތުން އެންގި.
ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކު އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމުވީ ބައިބަޔަށެވެ.
އެ ގޮތުން ފުރަތަމަ ވީޑިއޯ ޢާންމުވުމާއެކު ނަޝީދު ވިދާޅުވެފައިވަނީ އަލަމްގިރި އުޅޭ ކޮޓަރިއަށް އޭނާ ވަޑައިގެންނެވީ ”ބިޒްނަސް މީޓިންގ“ އަކަށް ކަމަށެވެ.
އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ގިނަ ބަޔަކަށް ދަޢުވާ އުފުލިއެވެ. އަލަމްގީރަށް ޙުކުމް އިއްވާފައިވާއިރު، އޭނާއާއެކު އެ ޢަމަލުކުރި ބައެއް މީހުންނަށް ވެސް މިހާރު ވަނީ ޙުކުމް އިއްވައިފައެވެ.