ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމަކީ މިހާތަނަށް ދިވެހި ގައުމު ތަޖުރިބާކުރި އެންމެ އަނިޔާވެރި ވެރިކަން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި، ޕީޕީއެމްގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ކަމަށް ވިދާޅުވެ ބައެއް ވަޒީރުން ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމަކީ މިހާތަނަށް ދިވެހި ޤައުމު ތަޖުރިބާކުރި އެންމެ އަނިޔާވެރި، އެންމެ ޣަދަރުވެރި، އެންމެ ޚިޔާނާތްތެރި ވެރިކަން ކަމަށެވެ. އަނިޔާވެރިވީ ރައްޔިތުންނަށް ކަމަށާއި، ޣައްދާރުވީ ޤައުމަށް ކަމަށާއި ޚިޔާނާތްތެރިވީ ދައުލަތަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
މި ސަރުކާރުން ނަގައިލީ މިނިވަންކަން ކަމަށާއި، ހޯދީ އަޅުވެތިކަން ކަމަށާއި، ޖެއްސީ އިންޑިޔާގެ ދަރަނި ދައްތުރައެއްގައި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.