އިންޑިއާއިން ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް ފުރައްސާރަ ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވާހަކަ ދެއްކެވީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީ ރުއްސަން ކަމަށް އިދިކޮޅުން ބުނެފިއެވެ.
އަނބިދަރިން ގޮވައިގެން ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ވަޑައިގެން ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުންނަވަނިކޮށް އެ ޤައުމުގެ އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ސަމަދުބެ ގެންދިޔައީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
އިންޑިއާއިން ޑީޕޯޓުކޮށްލުމުން މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ސަމަދުބެ ވިދާޅުވީ އިންޑިއާގެ އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިނގިލީގެ ނިޝާނުގެ މައްސަލައެއް އުޅޭކަމަށް ބުނެ ކަމަށެވެ.
ސަމަދުބެ ވިދާޅުވި ގޮތުގައި އިންިއާގެ އެއާޕޯޓުން އޭނާއާ ބައްދަލުކުރީ ކޯޓު ފަޓުލޫނުގައި ތިބި ”ބޮޑު ސިންގާ“ ފޯހެކެވެ.
”ފުރަތަމަ އަޅުގަނޑު ބަލާދިޔައީ އިމިގުރޭޝަނުން. އެކަމު އަޅުގަނޑު ފުލުހުންގެ ކާރުގަ ދާންޖެހުނީ. ކާރުގަ ގެންގޮސްފަ އެއާޕޯޓުގަ އަޅުގަނޑާ ބައްދަލުކުރީ ކޯޓު ފަޓުލޫނުގަ ތިބި ބޮޑު ސިންގާ ފޯސްއެއް. ސީދާ ރޯ އެޖެންޓުން އަޅުގަނޑު ގޮވައިގެން ގޮސްފަ އެތާގެ އަޅުގަނޑަށް ލަފާކުރެވެނީ މުޅި އިމިގުރޭޝަނުގަ ވެސް ތިބީ ހުސް ރޯ މީހުން ކަމަށް. ގެންގޮސް ވަރަށް ރޫޑްކޮށް ވަރަށް ހަރުކަށިކޮށް އަޅުގަނޑާ ދޭތެރޭގަ ކަންތައްތައް ކުރީ.“
ގެންގޮސްފައި ފޯނު ވެސް އަތުލި ކަމަށާއި 18 ގަޑިއިރު ވަންދެން އެއްވެސް ކާ އެއްޗެއް ނުދީ ބެހެއްޓި ކަމަށް ވެސް ސަމަދުބެ ވިދާޅުވިއެވެ. އަދ އަނބިދަރިންނަށް ގުޅައިލަން ބުނުމުން ފޯނެއް ވެސް ނުދިން ކަމަށް ސަމަދުބެ ވިދާޅުވިއެވެ.
”18 ގަޑިއިރު ކޮށްފަ އަޅުގަނޑު ބުނެފިން އަޅުގަނޑު ބަނޑުފައިވެއޭ އެބަ. ބުނިހާއިރުން ބުނެފި ވާހަކަ ނުދައްކާ މަޑުކުރާށޭ. ތިމަންނަމެން އެއާލައިނާ އެބަ ވާހަކަ ދައްކަމޭ. އެއާލައިނުން އެ ރޭ ދަންވަރު 3:30 ގަ މީހަކު އައީ. އައިސްފަ އަޅުގަނޑު ސުވާލުކޮށްފިން އަޅުގަނޑު ވަރަށް ބަނޑުހައިވެގެންނޭ. ބުނީމަ އޭނަ 4:30 ގަ ކާ އެއްޗެއް ހިފައިގެން އައީ. އަޅުގަނޑު ފުރަތަމަ ކަސްޓަޑީގަ މީހުން ބައިތިއްބާ ތަނެކޯ ކިޔާފަ ވެއްދީ ސިޓިންރޫމެއް ކަހަލަ ތަނަކަށް. އެތާ އެތެރޭގަ ފިނިކަމުން. އެއާޕޯޓުތެރެ އެހާ ފިނި. ހަމަ ފެށުނީއްސުރެ އަނިޔާދެމުން އައިސްފަ އަޅުގަނޑަށް ރަޖައެއް ވެސް ލިބުނީ އެތާގަ އޮތް އެފްރިކާ މީހަކު ފުރައިގެން ދިޔައިމަ.“
ސަމަދުބެ އިތުރަށް ވިދާޅުވީ އޭނާއަކީ ހިތުގެ ބައްޔާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލަށް ބޭސްކުރާ މީހެއް ކަމަށާއި، ނަމަވެސް އެކަމުގެ ތެރޭގައި 4 ދުވަސްވީއިރު ބޭހެއް ނުލިބުނު ކަމަށެވެ.
ސަމަދުބެ ބުނުއްވި ގޮތުގައި އިމިގުރޭޝަންގެ އޮފިސަރުން އޭނާ ގެންދިޔަ ވަގުތު ކުޑަ ދަރިފުޅު ރޮމުން ފަހަތުން ދުވެފައި އައި ނަމަވެސް އެ މީހުން އެ ކުދިންނަށް ވެސް ބަލައި ނުލާ ކަމަށެވެ.
ސަމަދުބެއަށް ފުރައްސާރަ ކުރައްވައި މާރިޔާ ވާހަކަ ދެއްކެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައެވެ.
”ދޭތެރެއިން މީޑިއާތަކުގައި އުޅުނު ވަރަށް ބާރަށް ކޮންމެ ރެއަކު އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުގެ މިލިޓަރީއާ ދިމާއަށް އެކި ގޮތްގޮތުން ގޮންޖައްސަވައި ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ވެސް އެ ފައުޖުގެ ކުރީގައި ދިދަ ހިއްޕަވައިގެން ހުންނަވާ ބޭފުޅެއް. ތުނބުޅި ބާލުއްވަވައި ކުޑަކޮށް ތައްޔާރުވެލައިގެން ޢާއިލާއާ އެކީގައި އެ ޤައުމަށް ވަޑައިގެންނެވީ.“ ސަމަދުބެއަށް އަމާޒު ކުރައްވައި މާރިޔާ ވިދާޅުވިއެވެ.
”ވިދާޅުވީ މުޅި ޢުމުރު ތިމަންނާ ހޭދަކުރެއްވީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ޖަޑިބެއްހެން ހުންނަވާ ތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގުރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތިފުޅު ކުރައްވަމުން. ހެހެ. މިވަރުގެ މީހުން ނުކުމެ މި އުޅެނީ.“ މާރިޔާ ވިދާޅުވިއެވެ.
މިކަން ކުށްވެރިކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު ބުނީ، ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް ރާއްޖޭގެ ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނެވި މާރިޔާ ޖޯކު ޖައްސަވައި މަލާމާތް ކުރެއްވުމުން ދިވެހި ރައްޔިތުން އެކަން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށް ސަނާ ކިޔައި، އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
”އިންޑިއާއިން ބޭރުކޮށްލި ދިވެހި ދަރިއަކަށް (ޢަބްދުއްޞަމަދަށް) ޖޯކު ޖައްސަވައި މާރިޔާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މަޢާފަށް އެދުމަށް ވެސް މާރިއާ އަޙްމަދު ދީދީއަށް ގޮވައިލަމެވެ.“
އިދިކޮޅުގެ ބަޔާނުގައި ބުނީ ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައި ވެސް މި ޤައުމު ސަލާމާތް ކުރުމަށް ކަމަރު ބަނދެގެން، އެންމެ ފުރަތަމަ އެކަމަކާ ކުރިމަތިލާން ތައްޔާރަށް ތިބި ބައެއް ކަމަށެވެ.
އެއްވެސް އިރެއްގައި ސިފައިންގޭގައި ނުވަތަ ފުލުހުންގެ ތެރޭގައި އިޚުލާސްތެރި ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މި ޤައުމަށް ހަރާންކޯރު ނުވާނެކަމާއި ކޮންމެ ވަގުތަކު ވެސް ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް ނުކުންނަވާނެކަމީ އެ ކޯލިޝަނުން ޔަޤީން ކުރާކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
”ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަ ކުރައްވައި ޖޯކު ޖައްސަވައި ޢާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާޢީ ވަޒީރު ކަމުގައި ހުންނެވުމަކީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ކުރާ މިންވަރު.“
އިދިކޮޅުގެ ބަޔާނުގައި ބުނީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަދީ އިންޑިއާއިން ބޭނުންވާހައި ގޮތަށް ރާއްޖޭގެ ރަށްތަށްދީ ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދިނުމުގެ އިތުރުން އިންޑިއާގެ ކުންފުނިތަކުން ރާއްޖެ އެތެރެކުރާ ތަކެތިން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމާއި އަދި ނުއަގުގައި ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީ ވެސް ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހިން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް މި ސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތަކެއް ކަމަށެވެ. އަދި އެ ކަންކަން މިހާރުން މިހާރަށް ހުއްޓައިލުމަށް ވެސް އިދިކޮޅުން ވަނީ ގޮވައިލާފައެވެ.