އިންޑިއާއިން ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް މަލާމަތް ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ދެއްކެވި ވާހަކަތަކާ ގުޅިގެން ވިލިމާލޭ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސަމަދުބެ އިންޑިއާއިން ޑީޕޯޓުކޮށްލުމުން ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި އޭނާ ވަނީ އިންޑިއާގައި ހުންނެވިއިރު ދިމާވި ކަންކަމުގެ ވާހަކަތައް ހިއްސާކުރައްވައިފައެވެ. ސަމަދުބެ ވިދާޅުވި ގޮތުން 18 ގަޑިއިރު ވަންދެން ކާ އެއްޗެއް ނުދީ އޭނާ ބެހެއްޓީ ފިނި ކޮޓަރިއެއްގައެވެ. ސަމަދުބެ އެ ވާހަކަތައް ހިއްސާ ކުރެއްވީ ވަރަށް އަސަރާއެކުއެވެ.
މާރިޔާ ސަމަދުބެއަށް މަލާމަތް ކުރައްވައި ވާހަކަ ދެއްކެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައެވެ.
”[ސަމަދުބެ] ވިދާޅުވީ މުޅި ޢުމުރު ތިމަންނާ ހޭދަކުރެއްވީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން [އިދިކޮޅުގެ މުޒާހަރާތަކުގައި] ޖަޑިބެއްހެން ހުންނަވާ ތަން ފެނޭ. [އިންޑިއާއަށް] ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގުރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތިފުޅު ކުރައްވަމުން. ހެހެ. މިވަރުގެ މީހުން ނުކުމެ މި އުޅެނީ.“ މާރިޔާ ވިދާޅުވިއެވެ.
އުޝާމް މިއަދު ވިދާޅުވީ ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް ދިވެހި ރައްޔިތަކަށް ދިމާވާ ކަންކަމުގަ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ވާޖިބުކަމެއް ކަމަށެވެ. އޭގެބަދަލުގައި ފުރައްސާރަކޮށް މަލާމަތް ކުރުމުން އެނގެނީ މި ސަރުކާރުގެ ބައެއް ވަޒީރުންގެ ފެންވަރު ކަމަށާއި މިވަރުގެ މީހުން ވަޒީރުކަމުގަ ބައިތިއްބަން ހެޔޮނުވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
މާރިޔާއަކީ އެއްވެސް އިރެއްގައި ދައުލަތުގެ ވަޒީރަކަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ.