ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ދިރިއުޅުއްވާ ގޭގައި އިންޑިއާގެ ޖާސޫސުން އުޅެމުންދޭތޯ ބަލައި ދިނުމަށް އެދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ގޮވާލައްވައިފިއެވެ.
ޓޮމް މިހެން ވިދާޅުވީ އިންޑިއާއިން ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް މަލާމަތް ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޓޮމް ވިދާޅުވީ މިނިސްޓަރު މާރިޔާއަކީ އިންޑިޔާއިން ބޭނުން ކޮންމެ ގަޑިއެެއްގައި ރާއްޖެ ހިފިދާނެކަމަށް ވިދާޅުވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިނީ މާރިޔާގެ ބެލުމުގެ ދަށުން ކަމަށާއި އެފަހަރު ވަޒީފާ ހިމާޔަތް ކޮށްދިނީ އިންޑިޔާގެ އެމްބެސަޑަރު ކަމަށް ވެސް ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅވީ މާރިޔާއަކީ ދިވެހި އަސްކަރިއްޔާއާ ހަވާލުވެވަޑައިގެން ހުންނެވުމުގެ ފެންވަރެއް ހުރި ބޭފުޅެއް ނޫން ކަމަށެވެ.
”އަސްކަރިއްޔާއިން މިނިސްޓަރުގެ ހާލަތު ވަޒަންކުރައްވައި ފިޔަވަޅު އަޅުއްވާ.“
”މިނިސްޓަރު މާރިޔާ ދިރިއުޅުއްވާ ގޭގެ 2 ފްލޯރގައި އިންޑިޔާގެ ޖާސޫސުން އުޅެމުންދޭތޯ ދިވެހި އަސްކަރިއްޔާއިން ބަލައިދެއްވާ. މިނިސްޓަރު އެ ހުންނެވީ ކޮމްޕްރޮމައިޒްވެފައި.“ ޓޮމް ވިދާޅުވިއެވެ.
ސަމަދުބެއަށް ފުރައްސާ ކުރައްވައި މާރިޔާ ވާހަކަ ދެއްކެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައެވެ.
ސަމަދުބެއަށް އަމާޒުކުރައްވައި މާރިޔާ ވިދާޅުވީ އަވަށްޓެރި ޤައުމުގެ މިލިޓަރީއާ ދިމާއަށް އެކި ގޮތްގޮތުން ގޮންޖައްސަވައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ސަމަދުބެ އިންޑިއާއަށް ވަޑައިގަތީ ތުނބުޅި ބާލުއްވަވައި ކުޑަކޮށް ތައްޔާރުވެލައިގެން ކަމަށެވެ. އަދި މުޅި ޢުމުރު ހޭދަކުރެއްވީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ ވިދާޅުވާ ބޭފުޅަކު އެނބުރި ޤައުމަށް ވަޑައިގެންނެވީ ކީރިތިފުޅު ކުރައްވަމުން ކަމަށް މަލާމާތުގެ ރާގެއްގައި މާރިޔާ ވިދާޅުވިއެވެ. އަދި އިދިކޮޅު ހަރަކާތްތަކުގައި ދިދަ ހިއްޕަވައިގެން ޖަޑިބެއްހެން ހުންނަވައި އަވަށްޓެރި ޤައުމާ ދެކޮޅަށް މި ނުކުންނަވަނީ މިވަރުގެ ފިނޑިން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.