ޖޭޕީގެ ލީޑަރުކަމަށް ޤާސިމް އިބްރާހިމް، ޑެޕިއުޓީ ލީޑަރު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރިމަތި ލައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް މިއަދު ވިދާޅުވީ ޖޭޕީގެ ލީޑަރުގެ މަގާމަށް ޤާސިމް އިބްރާހިމް އަދި ޑެޕިއުޓީ ލީޑަރު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރިމަތި ލައްވާފައިވާ ކަމަށެވެ.
މިއީ ޤާސިމް، ޖޭޕީގެ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާ ހަތަރު ވަނަ ފަހަރެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ފަސް ބޭފުޅުން އިންތިހާބު ކުރައްވާނެއެވެ.
މިނިސްޓަރު ނަހުލާ ޖޭޕީގެ ޑިޕިއުޓީ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައިވާއިރު، ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު، ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ، އެކްޒެކިއުޓިވް ސެކްރެޓަރީ އިގްބާލު އާދަމް، އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)، ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވެސް ވަނީ ޑެޕއިޓީ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައެވެ.
އެ މަގާމުތަކަށް މީހުން ހޮވުމާ މެދު ގޮތެއް ނިންމާނީ މިމަހުގެ 24 އަދި 25 ވަނަ ދުވަހު ބާއްވާ ޖޭޕީގެ ގައުމީ ކޮންފަރެންސްގައެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަކީ އެ ޕާޓީގެ ގައުމީ ކޮންފަރެންސްއިން ހޮވާ މަގާމެކެވެ. އެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް ހޮވާ މަގާމަކެވެ. ޖޭޕީގެ އަސާސީ ގަވައިދު ބުނާގޮތުން އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރާނީ ޕާޓީގެ ލީޑަރެވެ.