މިއީ ޚިޔާލު ތަފާތުވުންތައް ހުއްޓަސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށްޓަކައި އެންމެން އެއްވާންވީ ވަގުތު ކަމަށް ރައީސް އިބްރާހިމް ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް އެމަނިކުފާނާ ހަވާލުކުރުމަށް ކާނިވަލުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ.
”މީ ޚިޔާލު ތަފާތުވުންތައް އެކަހެރިކޮށް ޚިޔާލު ތަފާތުވުންތައް ހުއްޓަސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެއްވާންވީ ވަގުތު.“
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރާއްޖެއަކީ ސުލްހަޔާއި ހަމަޖެހުން ގާއިމުވެފައި އޮތް ތަނަކަށް ހަދަން ކަމަށެވެ. އަދި ރާއްޖެ ބޭނުންވާ ތަރައްޤީ ގެނެވޭނީ އެމްޑީޕީއަށް ވެރިކަމުގައި ތިބެވިގެން ކަމަށާއި މިހާރު ފަށާފައިވާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނީ ވެސް އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނަކީ އެމްޑީޕީގެ މެންބަރެއްކަން ހަނދާންކޮށްދެއްވަމުން ރައީސް ޞާލިޙް ވަނީ އަންނަ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.