އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރަސްމީކޮށް އަރުވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙާ ހަވާލުކުރެއްވީ އެކަމަށްޓަކައި ކާނިވަލުގައި މިރޭ ބާއްވާ ޚާއްސަ ޖަލްސާގައެވެ.
ރައީސް ޞާލިޙާ ރިޔާސީ ޓިކެޓު ހަވާލުކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލެވެ.
ރައީސް ޞާލިޙް އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވީ މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި %22 ގެ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ 57,255 މެންބަރުންނަށެވެ. ވޯޓު ލާފައިވަނީ 40,878 (%71.41) މެންބަރުންނެވެ.
ދާއިމީ ނަތީޖާއިން ދައްކާ ގޮތުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ އިންތިޚާބުގައި ވޯޓުލީ މީހުންގެ %61.10 އެވެ. އެއީ 24,566 ވޯޓެވެ. ނަޝީދަށް ލިބިވަޑައިގަތީ %39.90 އެވެ. އެއީ 15,641 ވޯޓެވެ.