ޕީޕީއެމްގެ އަނިޔާވެރި ވެރިކަމުގައި މުޅި ދައުލަތުގެ ހުރިހާ ސިފަތައް ގެއްލުވާލައި ޤައުމު ޚަރާބުކޮށްލިކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ޝާހިދު ވިދާޅުވީ މީގެކުރިން ވެރިިކަން ކުރި ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމުގައި މުޅި ދައުލަތުގެ ހުރިހާ ސިފައެއް ކަނޑައިލި ކަމަށެވެ.
އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މެންބަރުކަމުން ވަކިވެއްޖެ ކަމަށް ނިންމައި ސަލާމަތީ ބާރުތަކުގެ އަތް ދަށަށް މަޖިލިސް ގެންގޮސް މަޖިލީހުގެ ތަޅުމުން މެންބަރުން ދަމައި ނެރެ ”ބޮޑު ކަންނެލި އުކާހެން ގޭޓު މަތިން އުކައިލި“ ކަމަށް ޝާހިދު ވިދާޅުވިއެވެ.
”ފަނޑިޔާރުގޭގެ ފުރާޅުން ޓިނު ނަގައި ބޮޑު ފަނޑިޔާރާއި ދެން ތިއްބެވި ފަނޑިޔާރުން ނަގާ ގެންގޮސް ކުޑަ ގޮޅިއަށްލައި ބަނޑު ބިންމަތީ ޖެއްސީ ކުރީގެ އަނިޔާވެރި ސަރުކާރުން.“
”އެއީ އަނިޔާވެރިކަން ދައުލަތް ޚަރާބުކޮށްލުން.“
ނަމަވެސް މި ދައުރުގައި މަޖިލީހަށް އެ މުއައްސަސާގެ ސިފަ ރައީސް ޞާލިޙް ގެނެސްދެއްވައިފި ކަމަށާއި ފަނޑިޔާރުގެއަކީ މިހާރު މިނިވަން މުއައްސަސާއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލެއް އެބަހުރި ކަމަށާއި، ޕޮލިސް ކޮމިޝަނަރަކާއި, ޗީފް އޮފް ޑިފެންސަކާއި ނައިބު ރައީސެއް ވެސް އެބަ ހުންނެވި ކަމަށާއި ނަމަވެސް އިރުއިރުކޮޅާ ވަތްކެއް ނުކުރައްވާ ކަމަށެވެ.
”ކަނޑާ އެއްލައިލައި މުޅި ދައުލަތް ޚަރާބުކޮށްލުމުގެ ބޭނުމުގައި މިލިޓަރީ ވެރިކަން ހިންގުމުގެ ބޭނުމުގައި އިމަޖެންސީއެއް މި ރައީސެއް ނުހިންގަވާ.“ ޔާމީން ސަރުކާރުގައި ކަން ހިނގާދިޔަ ގޮތަށް ޢިޝާރަތްކުރައްވައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ވެރިކަކުގައި ޤާނޫނުއަސާސީ ޚަރާބުކޮށްލި ކަމަށާއި ޤާނޫނުއަސާސީއަށް އިސްލާހުގެނައީ ރަށްތަކާއި ފަޅުތައް ވިއްކައިިލަން ކަމަށެވެ. އަދި އިސްތިގުލާލު ނަގައިލުމަށް ރާވައިފައި އޮތް ބޮޑެތި ޖަރީމާތައް ފޮހެލެއްވީ ރައީސް ޞާލިޙް ކަމަށާއި މި ޤައުމު ރައްކާތެރި އަމާން ބަނދަރަކަށް ގެންގޮސްދެއްވީ ރައީސް ޞާލިޙް ކަމަށް ޝާހިދު ވިދާޅުވިއެވެ.