ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ހިލަފަށް ރާއްޖޭގައި ދިރިއުޅެމުންދާކަމަށް ތުހުމަތު ކުރެވިގެން ފުލުހުން އިއްޔެ އިމިގްރޭޝަނާއި ހަވާލުކުރި ޖަޕާނު މީހާ ރާއްޖޭގައި އުޅެނީ ރެސިޑެންޓް ވިސާގައި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މިއަދު އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން މާލޭގައި އުޅޭ ޖަޕާނު މީހާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ރެސިޑެންޓް ވިސާގައި އުޅެމުންދާ ބިދޭސީ އަންހެނެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އަދި މުޖުތަމައުގެ އާންމު ހަމަޖެހުމާއި ރައްކާތެރިކަމާއި ގުޅުވާ މި ބިދޭސީ މީހާއާއި ގުޅޭ ގޮތުން ފާހަގަވެފައިވާ މައްސަލައިގައި އިމިގްރޭޝަން ގާނޫނާއި ހިލާފަށް ކަންތައްތަކެއް ހިމެނޭތޯ ކަށަވަރު ކުރުމަށް އިމިގްރޭޝަނުން ބަލަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ފުލުހުން ހިދުމަތުން އިއްޔެ ބުނީ މާލޭގެ މަގުމަތީގައި ސަލާން ޖަހަން އުޅޭ ޖަޕާނު އަންހެނެއް ކަމަށް ބުނެ ސޯޝަލް މީީއާގައި ދައުރުވަމުންދާ މައުލޫމާތު ފުލުހުން ސަމާލުކަމަށް އައުމާއި ގުޅިގެން އޭނާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފު ކުރުމަށް ފަހު އިއްޔެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކާނެ އެއްޗެއް ހޯދުމަށާއި ބޭސްފަރުވާ ކުރުމަށް އެދި ޖަޕާންގެ އެ މީހާ ފައިސާ ހޯދާ ކަމަށް އޭނާއާ ދިމާވި ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި އޭނާއަކީ ދިވެއްސަކާ ކައިވެނިކޮށް މާލޭގައި ދިރިއުޅޭ މީހެއް ކަމަށްވެސް ބައެއް މީހުން ގާތު ބުނެފައިވެ އެވެ.