ތުރުކީ- ސީރިޔާ ބިންހެލުމުގެ ކާރިސާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހިންގާ ”އެއް އުއްމަތެކޭމީ!” ފަންޑްރައިޒިން ކެމްޕޭނުގެ ފަންޑުފޮށިތައް މިއަދު މާލޭ ސަރަޙައްދުގައި ހުކުރު ކުރާ ހުރިހާ މސިްކިތްތަކެއްގެ ކައިރީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އައިއޯސީސީން ބުނެފިއެވެ.
މިއަދު މެންދުރު 11:00 އިން 14:00 އަށް ފަންޑުފޮށިތައް ބަހައްޓާފައިވާ އިރު ވީހާވެސް ގިނަ ފަރާތްތަކުން މިކަމުގައި ބައިވެރިވެ ލައްވައި މުސްލިމް އަހުންނާއި އުހުތުންނަށް އެހީތެރިވެދެއްވުމަށް އައިއޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެދިލައްވަވާފައެވެ.
ތުރުކީ އާއި ސީރިއާ އަށް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އައި ވަރުގަދަ ބިންހެލުންތަކަކާ ގުޅިގެން މިހާތަނަށް 50،000 އެއްޖާ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ. އަދި ބިންހެލުމުގެ ސަބަބުން އެތައް ބައެއްގެ ގޯތިގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފަ އެވެ.
ތުރުކީ އާއި ސީރިއާ އަށް އެހީވާން ރާއްޖޭގައި އެކި ފެންވަރުގައި އެކި ފަރާތްތަކުން އަންނަނީ މަސައްކަތްކުރެވެމުންނެވެ. އެގޮތުން ރެޑް ކްރެސެންޓުން ކުރިއަށް ގެންދާ ފަންޑަށް މިހާތަނަށް ތިން މިލިނެއްހާ ރުފިޔާ ލިބިފައިވެ އެވެ.