ތުރުކީއާއި ސީރިއާއަށް ބިންހެލުން އައިތާ ނުވަ ދުވަސް (227 ގަޑިއިރު) ފަހުން 74 އަހަރުގެ އަންހެނަކު ސަލާމަތްކޮށްފިއެވެ.
ފެބްރުއަރީ 6 ވަނަ ދުވަހުގެ ދަންވަރު ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމުގައި ތުރުކީވިލާތުގައި 12,000 އަށްވުރެ ގިނަ ޢިމާރާތް ވަނީ ސުންނާފަތިވެ، ބިމާ ހަމަވެފައެވެ. އޭގެ ފަހުން އިތުރު ބިންހެލުމަކާއި ލޮޅުންތަކެއްގައި ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ބިންހެލުމުގައި ތުރުކީގެ ދެކުނާއި ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކުގައި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވި ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމަށް އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ގިނަ ޢަދަދެއްގެ ބަޔަކު ދިރިތިއްބާ ފެންނާނެ ކަމުގެ އުންމީދު ވަނީ ފަނޑުވެފައެވެ. އަދި، މަރުވެފައިވާ ގިނަ ޢަދަދެއްގެ ބަޔެއްގެ ހަށިތައް ދަނީ ފެންނަމުންނެވެ.
އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކައްރަމަންމަރަސް ސަރަހައްދުން އެހާދިސާއަށް 227 ގަޑިއިރުވީ ފަހުން ވަނީ 74 އަހަރުގެ އަންހެނަކު ސަލާމަތް ކޮށްފައެވެ. އެސަރަހައްދަކީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް، އެންމެ ފުރަތަމަ ކުރި ސަރަހައްދެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެއަންހެން މީހާ ސަލާމަތް ކޮށްފައިވަނީ މީހުން ހޯދުމުގައި ހަރަކާތްތެރިވި މީހުން އެމަސައްކަތް ހުއްޓާލުމާއި ކައިރިވެފައި ވަނިކޮށެވެ.
ތުރުކީވިލާތާއި ސޫރިޔާގެ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 41,000 އަށްވުރެ މައްޗަށް އަރައިފިއެވެ.