އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވާ މައްސަލައިގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ.މަޢުޞޫމާ ކުރެއްވި ސުވާލަށް ޖަވާބުދެއްވި ގޮތާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކޯފާވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ވަނީ, ޝަންގްރިއްލާ އޮތީ “ގަލުގައި އަޅާފައި“ ކަމަށާއި އެ ގަލުން ނައްޓައި އައްޑޫގެ ބޮޑު އާބާދީއަށް އެ ތަނުން ޚިދުމަތެއް ފަތުރުވެރިންނަށްދީ, ރައްޔިތުންނަށް އެއިން ލާބަޔާއި މަންފާ އަދި ސަރުކާރަށް ވެސް ޢާމްދަނީ އިތުރުވާނެ ގޮތަކަށް އެކަން ކުރެވިގެންދާނެ ކަމަށް އަންދާޒާކުރެވެނީ ކޮންއިރަކުތޯ ސުވާލު ކުރައްވައިފައެވެ.
”ޝަންގްރިއްލާ ހުޅުވުން އަޅުގަނޑު އުންމީދު ކުރިން މިދިޔަ އަހަރު ވެސް އޭގެ ކުރީ އަހަރު ވެސް ހުޅުވޭނެ ކަމަށް. ޕްރައިވެޓް ވިޔަފާރިއެއް. ސަރުކާރުން ކޮށްދެވެން އޮތް އެންމެ ބޮޑު ކަންތައް ކޮށްދީފިން. އެއީ ކުލި ވަރަށް ކުޑަކޮށްދީފިން.“ ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ އޮތް ޝެއާރ ދޫކޮށްލުމުގެ މަޝްވަރާތައް ނިމި، އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންނާއި ކައުންސިލު މެންބަރުންނާ ވާހަކަދެކެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހިސާބުން ވަޒީރުގެ ވާހަކަފުޅު ހުއްޓުވުމަށްފަހު ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މެންބަރުގެ ސުވާލަކީ އެ ތަން ހުޅުވޭނީ ކޮންއިރަކުތޯ ކަމަށެވެ.
”އުންމީދު ކުރައްވަނީ މި އަހަރުތެރޭގައި އެ ރަށް ހުޅުވޭނެ ހިސާބަށް ދިއުމަށް.“ ވަޒީރު ވިދާޅުވިއެވެ.
އަނެއްކާވެސް ވަޒީރުގެ ވާހަކަފުޅު ކުރިއަށް ގެންދެވިޔަ ނުދެއްވައި ނަޝީދު ވިދާޅުވީ ހިއްސާ ދޫކުރުމުގެ މައްސަލަ ހުއްޓިފައިވާ ކަމަށެވެ. އަދި އެ ހިއްސާ ދޫކުރެވޭނީއާއި އެކަމަށް އެއްބަސްނުވެގެން އުޅެނީ ކާކުތޯ ވެސް ނަޝީދު ސުވާލު އުފެއްދެވިއެވެ.
”ޢިއްޒަތްތެރި ވަޒީރު. ވަޒީރަށް ވެސް އެބަ އެނގިވަޑައިގަންނަވާ އެ ހިއްސާ ދޫކުރީމަކަން އެކަން ވާން އޮތީ. ހިއްސާ ދޫކުރުމުގެ މައްސަލަ ހުއްޓިފައިކަން. ކޮންއިރަކުންތޯއޭ އެ ހިއްސާ ދޫކުރެވޭނީ. ކާކުތޯއޭ އެއްބަސްނުވެގެން އުޅެނީ. އަޅުގަނޑު ދެކޭގޮތުގައި ޝަންގްރިއްލާގެ މައްސަލަ މި މަޖިލީހުގައި ތަކުރާރުކޮށް މެންބަރުން އެބަ ސުވާލުކުރައްވާ.“
އެހެނަސް ”އެއަށް އެކަށީގެންވާ ޖަވާބެއް ލިބޭ ތަނެއް އަޅުގަނޑަކަށެއް ނުފެނޭ.“، ކަމަށާއި އަދި ދެންމެއަކު މެންބަރު އެ ކުރެއްވި ސުވާލަށް ވަޒީރު ޖަވާބުދެއްވާ ތަނެއް ވެސް ނުފެންނަ ކަމަށާއި މީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.