ތިން ފަނޑިޔާރަކާ ގުޅިގެން ބެލި ސުލޫކީ މައްސަލަތައް ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ތަޙްޤީޤުކުރީ ހައިކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ 2 މައްސަލައަކާއި, ކްރިމިނަލް ކޯޓުގެ ގާޒީ ޞަފްޢަތު ޙަބީބުގެ މައްސަލައަކާއި, ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަޙީދުގެ މައްސަލައެކެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ބޭފުޅުންނާ ގުޅިގެން އެ ކޮމިޝަނަށް ބެލި ތަޙްޤީޤު ކުރެވި އެ މައްސަލަތައް ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 12 ވަނަ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ބުންޏެވެ.
ގާޒީ ޞަފްޢަތާ ގުޅިގެން ޖޭއެސްސީން ބެލީ އޭނާ ބައްލަވަމުން ގެންދެވި މައްސަލައެއްގައި ޚުލާސާ ބަޔާން ހުށަހެޅި ފަހުން ޤާނޫނުގައި ބަޔާންކުރާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލައިގެ ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަވާފައިނުވާކަމަށް ބުނާ މައްސަލައެވެ.
މަރްޔަމް ވަޙީދާ ގުޅިގެން ބެލީ ތަންފީޒީ ގަޟިއްޔާއެއްގައި ހިމެނޭ ޚަސްމަކާ އެ ގަޟިއްޔާއާ ގުޅޭ ގޮތުން ޝަރީޢަތުގެ ބޭރުން މުޢާމަލާތު ކުރައްވައި, ޙުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލާ ކަނޑައެޅިގެން ޚިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެވެ.
ޙުސައިން ޝަހީދާ ގުޅިގެން ބެލީ ކޮން ދެ މައްސަލައެއް ކަމެއް ސާފެއް ނޫނެވެ.