މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނު (ބްރޯޑްކޮމް) ގެ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންނާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސް އަޙްމަދު ގައިސް އިސްތިއުފާދެއްވުމާ ގުޅިގެން މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފަސް ނަމެއް ފޮނުއްވީ މި މަހުގެ 08 ވަނަ ދުވަހުއެވެ.
ނަންތައް ތަރުތީބު ކުރައްވާފައިވާ ގޮތް:
1.އާމިނަތު ނުޒުހާ، ރިވޯޑް/ހއ.ހޯރަފުށި.
2.ޙުސައިން އަމްރު، ވ.ރޯޝަން.
3.ޝާން ޞާލިޙް މުޙައްމަދު، ފިނިވާދީ/ދ.ކުޑަހުވަދޫ.
4.މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ/ގދ.ތިނަދޫ.
5.މަރިޔަމް މުނާ، ބޯގަންވިލާ/ސ.ފޭދޫ.
އެ ދުވަހު މަޖިލީހުގެ ރިޔާސަތުން ވަނީ މި ނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފައެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ވަނީ މި ފަސް ބޭފުޅުންނާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފައެވެ.
މި ބޭފުޅުންނާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ, މި މަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހަޅަންޖެހޭނެއެވެ.
ޝަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި, ދާއިމީ އެޑްރެހާއި, ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ހުށަހަޅާނީ މަޖިލީހުގެ އިދާރާއަށް ނުވަތަ committee@majlis.gov.mv އަށެވެ.