ކޭޝިއަރެއް އަދި ސޭލްސްމަނެއް ވެސް ނެތި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިކުރެވޭ ގޮތަށް އެސްޓީއޯއިން ތަރައްގީކުރަމުން އަންނަ ފިހާރަ އަންނަ މާޗުމަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.
ކޭޝިއަރެއް ނުހުންނަ ފިހާރައިގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާޗު މަހުގައި އެ ފިހާރަ ހުޅުވޭނެ ކަމަށެވެ.
އެސްޓީއޯއިން ތަރައްގީކުރަމުން ”އެސްޓީއޯ ސްމާޓް ސްޓޯރ“ އަކީ ކޭޝިއަރެއް ނެތި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ކުރެވޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ފިހާރައެވެ.
މި ފިހާރަ ހިންގުމަށް އެ ކުންފުނިން ބޭނުންކުރާނީ އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ޓެކްނޮލޮޖީއެވެ.
މި ފިހާރައިން ވިޔަފާރީގެ ހުރިހާ މުޢާމަލާތެއް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެ އެޕްގައި އެ މީހެއްގެ ބޭންކް ކާޑު ރަޖިސްޓްރީކޮށް ލޮގިންއެއް ހަދައިގެން މި ޚިދުމަތް ބޭނުންކުރެވޭނެއެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ މި ފިހާރައަށް ވަދެވޭނީ ފިހާރައިގެ ދޮރުގައި އިންނަ ކިއުއާރް ކޯޑު ސްކޭންކޮށްގެންނެވެ. އެ ގޮތުން ބޭނުންވާ ސާމާނު ނަގައިގެން ކަސްޓަމަރުންނުކުންނަތާ އިރުކޮޅެއްތެރޭގައި އެޕްގައި އިންޓަގްރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެއެވެ.