ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑރ. ފައިޒަލް މިއަދު ވިދާޅުވީ ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށްވެސް ލިބޭނެގޮތަށް މުސާރަ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.
މުސާރަތައް ބޮޑުކޮށްފައިވަނީ ހެލްތު މިނިސްޓްރީ އާއި ސިއްހީ ދާއިރާގެ އެކި އިދާރާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް ފައިޒަލް ވިދާޅުވި އެވެ. ސިއްހީ ދާއިރާގައި 55 ޕްރޮފެޝަން ހިމެނޭއިރު އެ ހުރިހާ ޕްރޮފެޝަނެއްގައި ދިވެހި މުވައްޒަފުން ނެތް ނަމަވެސް އެ ހުރިހާ ފްރޮފެޝަނަކަށް ވެސް ރަނގަޅު މުސާރައެއް ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް ދިވެހިން ލިބުމުގައި އޮތް ދަތިކަމަށް ހައްލެއް ލިބި އެދާއިރާއަށް ދިވެހިންގެ ޝައުގުވެރިކަން އުފެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަން 500 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.