ރ.ފުއްގިރި މައްސަލައިގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ އޮންނާނެކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
މި އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 13:00 ގައެވެ. އަޑުއެހުން ކުރިއަށްދާނީ އޮންލައިންކޮށެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ނެންގެވި ކަމުގެ ތުހުމަތުގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދަޢުވާއާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ.
މި މައްސަލައިގައި ދެން ދަޢުވާ އުފުލާފައިވަނީ މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ.
އަޙްމަދު ކްރިކް ރިޟާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދަޢުވާއާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދަޢުވާއެވެ.
ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދަޢުވާއެވެ.
މިމައްސަލަ މިހާރު ބައްލަވަނީ ގާޒީ ޢަލީ ނަދީމެވެ. މިއީ ގާޒީ ޢަލީ ނަދީމް މި މައްސަލައާ ހަވާލުވެވަޑައިގަތް ފަހުން ބާއްވާ 3 ވަނަ އަޑުއެހުމެވެ.
Mihaaru thikanthah bodugulhah vejje