އަންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ފިރިހެން ދަރިކަލުން ފާރިޝް މައުމޫން ވާދަކުރައްވަން ގޮވާލައި މީސްމީޑިއާގެ ޕްލެޓްފޯމުތަކުގައި ކެމްޕޭން ފަށައިފިއެވެ.
”ފާރިޝް ފޯ ޕްރެޒިޑެންޓް“ އަދި “ފާރިޝް 2023“ ގެ ނަމުގައި ދެ ޓްވިޓާ އެކައުންޓެއް ވެސް ހަދައި އަންނަނީ ކެމްޕޭން ކުރަމުންނެވެ. އެ ދެކައުންޓަކީ ވެސް މި އަހަރު ފެށުނު ފަހުން ބޭނުންކުރަމުން އަންނަ ދެ އެކައުންޓެވެ.
”#ފާރިޝް2023“ ހޭޝްޓެގާއެކު ފާރިޝްގެ ސަޕޯޓަރަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ފާރިޝަކީ އަމިއްލަ މަސްލަހަތު އެއްކިބާކޮށް ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި އެއީ ރައްޔިތުންދެކެ ލޯބިވާނެ ދަރިއެއް ކަމަށެވެ.
”ފާރިޝް 2023“ ޓްވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ރައީސް ފާރިޝަކީ ފަސްޖެހިވަޑައިގަތުމެއްނެތި ކެރިވަޑައިގެން ހަޤީޤަތް ހާމަކުރައްވައި ތެދުބަހުން ވާހަކަ ދައްކަވާނެ ސިޔާސީ ލީޑަރެއް ކަމަށެވެ.
ނަމަވެސް އަންނަ ރިޔާސީ އިންތިޚާބާމެދު މޯލްޑިވްސް ރިފޯމް މޫވްމަންޓުން އަދި ގޮތެއް ނުނިންމައެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ޢަލީމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބާމެދު ނިންމާނެ ގޮތަކާމެދު ދަނީ މަޝްވަރާ ކުރެވެމުންނެވެ.