މާލޭ އޭރިޔާގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަމުން ގެންދާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ, މާލޭ އޭރިޔާގެ މަގުތަކަކީ އެންމެނަަށް އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މާލޭ އޭރިޔާގެ މަގުތައް ތަރުތީބުކުރުމާއި, ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ކަނޑައެޅޭ ޚާއްސަ ސަރަހައްދުތަކެއްގައި ޓްރެފިކް އަދި ޕާކިންގ ހަމަޖެއްސުމާއި މަގުތައް ތަރުތީބުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި މަސައްކަތުގެ ތެރެއިން އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ މަގުތައް ތަރުތީބުކުރުމަށް މަސައްކަތްތައް ފެށުމުގެ ކުރިން އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް ކަމާގުޅޭ މަޢުލޫމާތާއި މަގުތަކުގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައިދެވޭނެ ކަމަށެވެ.
”އެ ސަރަހައްދުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގާބިނގާވެ އުޅުމަށް ދަތިވާ ގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަމުން ގެންދާނެ. އަދި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑާއި އެނޫންވެސް ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ.“
މި މަސައްކަތްތަކަކީ މާލޭ އޭރިޔާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދީ ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފުލުހުންގެ ޚިދުމަތުން މި އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން ކުރިއަށްގެންދާ ކަމެއްކަމަށް ފުލުހުން ބުންޏެވެ.