އެއްެވެސް ކުޅިވަރެއް ބާކީނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުސަތުތައް ފަހިކޮށްދިނުމުގެ ނަތީޖާ ރަނގަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާއި، ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި، ރިހިމެޑަލް އަދި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިންގ ޓީމާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީނުކޮށް ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ވެސް ރަނގަޅު ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ކުޅުންތެރިންނަށާއި, އެތުލީޓުންނަށް އިތުރު ތަމްރީން ފުރުސަތުތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ބީޗް ވޮލީއާ ވޯޓަރ ސްޕޯޓްސްގެ ކުޅިވަރުތަކަކީ ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ މުސްތަގުބަލެއް އޮތް ކުޅިވަރުތަކެއް ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ދެއްކެވި ވާހަކަފުޅުގައި ވަނީ، މިދިޔަ 4 އަހަރުގެތެރޭގައި މީގެ ކުރިން ކުޅިވަރުގައި ހޯދިފައި ނުވާ ގިނަ ކާމިޔާބީތައް ހޯދިިފައިވާކަން ފާހަގަކުރައްވައިފައެވެ.
ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ރައީސް ޞާލިޙް ނުހަނު އިސްކަންދެއްވާކަން ފާހަގަކުރައްވައި މަހްލޫފު ވަނީ ބޮޑީބިލްޑިންގ އާއި ބީޗް ވޮލީން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކަ ވެސް ފާހަގަކުރައްވައިފައެވެ.