ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމު އުވައިލަން އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ފާހެއްނުވިއެވެ.
މި މަހުގެ 24 އަދި 25 ވަނަ ދުވަހު ބާއްވާ ޖޭޕީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާ ގުޅޭގޮތުން މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
އެ ބައްދަލުވުމުގައި ނެގި ވޯޓުން ޕާޓީގެ ލީޑަރުގެ މަޤާމު އުވައިލުމަށް އަސާސީ ގަވާއިދު އިސްލާހުކުރަން ފާސްވެފައެއް ނުވެއެވެ.
ޖޭޕީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ އޭރު ޕާޓީގައި ހުންނަ ލީޑަރެވެ. ޖޭޕީގައި އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރަކަށް ހުންނަވަނީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ.
އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިޚާބާމެދު ޖޭޕީން އަދި ގޮތެއް ނުނިންމައެވެ. ރިޔާސީ އިންތިޚާބާމެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންގްރެސްގައި އަލަށް އިންތިޚާބުކުރާ ކައުންސިލުން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.