ސަޢޫދީ ޢަރަބިއްޔާގެ ހިލޭ އެހީގައި މާލޭގައި ތަރައްޤީކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވަނީ ސަޢޫދީ ސަރުކާރުން އެކަމަށް އަދި ތާރީޚެއް ނުދޭތީކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
ސަލްމާން މިސްކިތް ޢާންމުންނަށް ހުޅުވައިލީ މިދިޔަ އަހަރުގެ އޭޕްރީލްގައެވެ.
އެ މިސްކިތުގައި ނަމާދުކުރަން ފެށިތާ އަހަރެއްވާން ކައިރިވެފައިވާއިރު އަދިވެސް ރަސްމީކޮށް މިސްކިތް ހުޅުވާފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ވަނީ މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތް ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އެ ގޮތުން ކޮވިޑާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީއާއި ރައީސް އޮފީހާއި އިސްލާމިކް މިނިސްޓްރީގައި މަޝްވަރާތަކެއް ކުރި ކަމަށާއި އޭގެ ދުވަސްކޮޅެއް ފަހުން ސަޢޫދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ރާއްޖެ ވަޑައިގަތުމުން ވެސް މަޝްވަރާކޮށް މިސްކިތް ހުޅުވަން ތައްޔާރުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭރު ވެސް އެކަން ލަސްވީ ތާރީޚެއް ކަނޑަނާޅާތީ ކަމަށާއި އޭގެފަހުން ވެސް އެކަމާ ގުޅިގެން މަސައްކަތްކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ތާރީޚެއް ލިބިފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.