ސަރުކާރުގެ ވެރިންނަށް ހަރާމް ވަނީ ހިކި މަސްތުވާ އެއްޗެހި ކަމަށާއި ދިޔާ މަސްތުވާ އެއްޗެހި ހަރާމްވާ ތަނެއް ނުފެންނަ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް އެއްވެސް އަދަބެއް ނުދީ ވަގުތުން އަނބުރާ ފޮނުވައިލެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
އެ ގޮތަށް އޮތީ ”ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ ގައެވެ. އެ ގަވާއިދުގެ ދަށުން މިހާރު ވަނީ މަސްތުވާތަކެތި އެތެެރެކުރި މީހަކު ވަގުތުން އަނބުރާ ފޮނުވައިލާފައެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މޮސްޓާ މިއަދު ވިދާޅުވީ ޙަޤީޤަތުގައި ރާއްޖޭގެ ރައްޔިތުންނަށް ވެސް ސަރުކާރުގެ އިސްވެރިންނަށް ވެސް މި މަނާވަނީ ވެސް ހަރާމް ވަނީ ހިކި މަސްތުވާ އެއްޗެހި ކަމަށާއި ދިޔާ މަސްތުވާ އެއްޗެހި ހަރާމްވާ ތަނެއް ނުފެންނަ ކަމަށެވެ.
”ބޮޑެތި އަދަދުތަކުން ރާ ފުޅިތަކާއި ކޮންޓެއިނާތައް އެތެރެކުރާ މީހުންނަށް އޮނަރަބަލް ކިޔާފަ ވާހަކަ ދައްކާއިރު ކުޑަ ރަބަރު ޕެކެޓެއް ހިފައިގެން އުޅޭ ޒުވާން ސޮރު ވާނީ ގުންޑާއަކަށް ގޭންގްސްޓާރަކަށް.“
އެކަމަކު ފެންނަނީ ރާއްޖެއަށް ރާ އެތެރެކޮށް ވިއްކާ މީހުންނަށް މަތީ މަޤާމުތަކާއި ލަގަބުތައް ދީގެން އެ މީހުން ޢިއްޒަތްތެރި ކުރާ މަންޒަރު ކަމަށް މޮސްޓާ ވިދާޅުވިއެވެ.