”އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން“ (އިމްސޯ) އަދި ”އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު
ނެވިގޭޝަން އެންޑް ލައިޓްހައުސް އޮތޯރިޓީ (އައި.އޭ.އެލް.އޭ)“ ގައި ރާއްޖެއިން ބައިވެރިވުމާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު އެ މަޖިލީހުން ނިންމާ ގޮތުގެ މަތިންނެވެ.
އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިމްސޯއާއި އައި.އޭ.އެލް.އޭގައި ރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހަޅުއްވައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެކަމާ ގުޅޭ ގޮތުން ރައީސް ފޮނުއްވި ދެ ސިޓީ އިއްވަވައިފައެވެ.
އަމީންއާންމު އެ ދެ ސިޓީ އިއްވެވުމުން ރިޔާސަތުން ވިދާޅުވީ އެ ދެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ޚާރިޖީގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ.
އިމްސޯއާއި އައި.އޭ.އެލް.އޭ ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާއަރުވާފައިވަނީ މިދިޔަ އޮކްޓޫބަރުގައެވެ.
އިމްސޯއަކީ ކޮބާ؟
ރާއްޖެއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާބެހޭ ޖަމުޢިއްޔާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ މެންބަރު ޤައުމެކެވެ.
1979 ގައި އިމްސޯ އުފައްދާފައި ވަނީ އައި.އެމް.އޯގެ އެހީތެރިކަމާއެކު އެ ޖަމްޢިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އިމްސޯއިން ކުރާ މައިގަނޑު މަސައްކަތަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީ.އެމް.ޑީ.އެސް.އެސް) އާއި, ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގ އޮފް ޝިޕްސް (އެލް.އާރު.އައި.ޓީ) ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.
ޖީ.އެމް.ޑީ.އެސް.އެސް އަދި އެލް.އާރު.އައި.ޓީ އަކީ, އައި.އެމް.އޯގެ މުއާހަދާއެއް ކަމުގައިވާ ”އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974“ އިން އެ ކަންކަން މި މުއާހަދާގައި ބައިވެރިވާ ޤައުމުތަކަށް ލާޒިމުކުރާ ކަމެކެވެ. ރާއްޖެއަކީ ވެސް އައި.އެމް.އޯ އަދި ސޯލާސްގައި ބައިވެރިވެފައިވާ ޤައުމެކެވެ.
އައި.އޭ.އެލް.އޭ އަކީ ކޮބާ؟
1957 ވަނަ އަހަރު ވުޖޫދުވި އައި.އޭ.އެލް.އޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މެރިޓައިމް ކޮމިއުނިޓީގެ ފައިދާއަށާއި ކަނޑުގެ ތިމާވެށީގެ ރައްކާތެރިކަމަށް ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ ވަސީލަތްތައް ތަރައްޤީކޮށް ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމުކުރުން ހިމެނެއެވެ.
އައި.އޭ.އެލް.އޭ ގައި ރާއްޖެއިން ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި, މުއާހަދާގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި މެރިޓައިމް ދާއިރާއިން ގުޅުންބަދަހިވެގެންދިއުން ހިމެނެއެވެ. އަދި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ހަމައެހެންމެ އެއިޑްސް ޓު ނެވިގޭޝަން, ޚާއްސަކޮށް ފަރު ބައްތިތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރު ބައްތިތައް ބެލެހެއްޓޭނެ ގޮތްތަކާއި، ފަރު ބައްތީގެ މަޢުލޫމާތު އުޅަނދުފަހަރުން ޓެކްނޮލޮޖީގެ އެހީގައި އެނގޭނެގޮތްތައް ފަހިވެ، އެހީތެރިކަން ލިބިގެންދާނެއެވެ. އަދި މި މުއާހަދާގައި ބައިވެރިވުމަކީ ކަނޑުގެ މާޙައުލު ހިމާޔަތްކޮށް ތިމާވެށި ރައްކާތެރިކުރުމަށް ބާރުއެޅުމަށް އެޅޭ ފިޔަވަޅެކެވެ.