ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ އަންނަ ހުކުރު ދުވަހުގެރޭ ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އަންނަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއެއްގައި ރައީސަށް ޓިކެޓު އެރުވުމަށް ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ކާނިވާ ސަރަހައްދުގައި މި ޖަލްސާ ބޭއްވުމަށް އެމްޑީޕީން ވަނީ މާލޭ ސިޓީ ކައުންސިލުގެ ހުއްދައަށް އެދިފައެވެ. ނަމަވެސް ހުއްދަ ދިން ކަމެއް އަދި ކަށަވަރެއް ނޫނެވެ.
މިދިޔަމަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި %22 ގެ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.
އިންތިޚާބުގެ ނަތީޖާއިން ދައްކާ ގޮތުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 24,566 ވޯޓެވެ. ނަޝީދަށް ލިބިވަޑައިގަތީ 15,641 ވޯޓެވެ.