ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ދިވެހިރައްޔިތުންގެ ޕާޓީ ( ޑީއާރުޕީ) ގެ ވަގުތީ ލީޑަރު ކަމުންނާއި، އެ ޕާޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ގްރީން ޕާޓީ އޮފް މޯލްޑިވްސް (ޖީޕީއެމް) އުފެއްދުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.
ޖާބިރު ޑީއާރްޕީން އިސްތިއުފާ ދެއްވީ އިއްޔެގައެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ގްރީން ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ޖާބިރަށް ހުއްދަ ދީފައެވެ.
ޖާބިރު ވިދާޅުވި ގޮތުން އަލަށް އުފައްދާ ޕާޓީން ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދޭނެއެވެ. އަދި ސިޔާސީ މަސައްކަތްތަކުގެ އިތުރުން ތިމާވެށްޓާ ގުޅުންހުރި ދާއިރާތަކުން ވެސް އެ ޕާޓީން މަސައްކަތް ކުރާނެއެވެ.
ޖާބިރު އާ ޕާޓީއެއް އުފައްދަން ނިންމެވީ ޑީއާރްޕީ އުވައިލަން އީސީން ނިންމުމާ ގުޅިގެންނެވެ. އީސީން އެ ގޮތަށް ނިންމާފައިވަނީ ޤާނޫނުގައި ބުނާ މިންވަރަށް (3000 މެންބަރުން) ޑީއާރްޕީގައި މެންބަރުން ހަމަނުވާތީ އެ ޢަދަދަށް މެންބަރުން ހަމަކުރަން ދިން 3 މަސްދުވަހުގެ މުއްދަތުގައި މެންބަރުން ހަމަނުކުރެވުމުންނެވެ.