ހުޅުމާލެ ހާފްވޭ ހައުސް ކައިރިން ހިނގާފައި ދަނިކޮށް ގއ.ދާންދޫ/ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން އޭނާ މަރުވި މައްސަލައިގައި ޏ.ފުވައްމުލައް، ހޯދަޑު/ ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށް އުފުލި ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ހާރިސްއަށް ވަޅިން ހަމަލާދިނީ 2017 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 21:56 ހާއިރުއެވެ. ހާރިސް މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ 29 ޑިސެންބަރު 2022 ގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ މައްސަލަ 12 ފެބްރުވަރީ 2023 ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.