ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް އަލަށް އެކުލަވައިލި ގަވާއިދު އިސްލާހުކުރަން ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައާ ދެކޮޅަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވިޕެއް ނެރުނު ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޙަސަން ލަޠީފް ކުއްލި މައްސަލަ ހުށަހެޅުއްވީ ”ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު“ ގައިވާ ”މަސްތުވާތަކެއްޗާބެހޭ ޤާނޫނު“ އާ ތަޢާރުޒުވާ ބައިތައް އުނިކުރުމަށް ސަރުކާރަށް ގޮވައިލައްވައެވެ.
ޙަސަންގެ ކުއްލި މައްސަލަ ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގަތް 41 މެންބަރުންގެ ތެރެއިން 24 މެންބަރުންގެ ވޯޓާއެކުއެވެ. މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 16 މެންބަރަކު ވޯޓުދެއްވިއެވެ.
ޙަސަން ވިދާޅުވީ ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ކުއްލި މައްސަލަ ބަލައިނުގަތުމަށް ރެޑް ޖެހުމަށް ވިޕްލައިނެއް ނެރެފައި އެބައޮތް ކަމަށެވެ. އެހެންނަމަވެސް ޙަޤީޤަތުގައި ރާއްޖެއަށް މި ދިމާވެގެން އުޅޭ މައްސަލައަށް ބަހުސްކުރެވި، މިއަށް ރަނގަޅު ގޮތްތަކެއް ހޯދުމަށް ބޭނުންވާ ގިނަ މެންބަރުންތަކެއް މަޖިލީހުގައި ތިއްބެވީތީ އެ ހުރިހާ މެންބަރުންނަށް ވަރަށް އިޚުލާސްތެެރިކަމާއެކީ ޝުކުރު ދަންނަވާކަމަށް ޙަސަން ވިދާޅުވިއެވެ.
”އަޅުގަނޑު ހުށަހެޅީތީ އަޅުގަނޑުގެ ފިކުރު ވަކި ގޮތަކަށް ހުރީތީ މި މައްސަލަ ބަލައިނުގަތުމަށް ޕާލަމެންޓްރީ ގުރޫޕުން ރެޑް ވިޕްލައިން ނެރުނު ބޭފުޅުންނަކީ ޙަޤީޤަތުގަ އެއްވެސްކަމެއްގަ ސަރުކާރަށް ފަސޭހަވާނެ ގޮތަކަށް އަދި މި ސަރުކާރުން ކުރާ ކަންކަމަށް ބާރު ލިބޭނެ ގޮތަށް ތާއީދު ލިބޭނެ ގޮތަށް އަމަލުކުރަން ބޭނުންވާ ބޭފުޅުންނެއް ނޫން.“
ޙަސަންގެ ކުއްލި މައްސަލަ ހުށަހެޅުއްވީ މި މަހުގެ 6 ވަނަ ދުވަހު ރާއްޖެއަށް 2.5 ކިލޯގެ ޑްރަގް އެތެރެކުރި އަންހެނަކު ރާއްޖެ އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން އޭނާ އަނބުރާ ފޮނުވައިލުމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އެ އަންހެން މީހާ އަނބުރާ ފޮނުވައިލީ ”ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.