ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ތަންތަން ހިންގަމުންދާކަން ފާހަގަކުރައްވައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު އެއްވެސް ޖަވާބެއް ނުދެއްވިއެވެ.
ރައްޔިތުންގެ މަޖިލީޖުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ވަނީ މެންބަރުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ. ބައެއް ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދެއްވައެވެ.
ނައިފަރު ދާއިރާގެ މެންބަރު ވަނީ ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ތަންތަން ހިންގަމުންދާއިރު އެކަން ނުހުއްޓުވެނީ އެކަމުގައި އިސްލާމިކް މިނިސްޓްރީގެ ދައުރެއް ނުވަތަ މިނިސްޓަރުގެ ދައުރެއް އޮތީތޯ ސުވާލު ކުރައްވައިފައެވެ.
”ދިވެހިރާއްޖޭގައި ހަށިވިއްކާ ތަންތަން އެބަ އޮޕަރޭޓްކުރޭ. މިނިސްޓަރު ނުވަތަ މިނިސްޓްރީގެ ދައުރެއް އޮތީބާއޭ އެ ކަންކަން ނުހުއްޓި މިދަނީ.“
ނަމަވެސް ދެފަހަރު މަތިން ސުވާލު ކުރެއްވުމުން ވެސް މިނިސްޓަރު ޖަވާބެއް ނުދެއްވައެވެ.
ފަހަކަށް އައިސް މަސާޖުޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ހަދައި ހިންގާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި ފާޅުކަން ބޮޑުގޮތެއްގައި މީސްމީޑިއާގައި އެކަން އިޝްތިހާރު ކުރަމުން އަންނައިރު އެފަދަ ކަންކަން ހުއްޓުވާކަށް ފިޔަވަޅެއް ނާޅައެވެ. މާލޭގައި މިހާރުވެސް ހަށިވިއްކާ 40 ތަން ހުރިކަމަށް މަޢުލޫމާތު ލިބެއެވެ.