ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް އެއްވެސް އަދަބެއް ނުދީ، ވަގުތުން އަނބުރާ ފޮނުވައިލެވޭ ގޮތަށް ގަވާއިދުގައި އޮތް މާއްދާ އުވައިލަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ.
މައްސަލަ ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގަތް 41 މެންބަރުންގެ ތެރެއިން 24 މެންބަރުންގެ ވޯޓާއެކުއެވެ. މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 16 މެންބަރަކު ވޯޓުދެއްވިއެވެ.
މި މަހުގެ 6 ވަނަ ދުވަހު ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބުރެޒިލްގެ އަންހެނަކު ވަނީ 2.5 ކިލޯގެ ”ކޮކެއިން“ އެތެރެކޮށްފައެވެ. ނަމަވެސް ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ރާއްޖެ އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން ވަނީ އޭނާ އަނބުރާ ފޮނުވާލައިފައެވެ.
އޭނާ ފޮނުވައިލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ”ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ޙަސަންގެ މައްސަލައިގައި ވިދާޅުވީ އެ ގަވާއިދުގައި އޮތީ މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާއެކު ބިރެއްނެތި، އެ ވިޔަފާރި ކުރެވޭނޭ ގޮތަށް އަދި އެ ވިޔަފާރިއަށް ހިއްވަރު ލިބޭނޭ ގޮތަށް ކަމަށެވެ. އަދި ގަވާއިދު މިހާރު އޮތް ގޮތުން ރާއްޖެއަށް ފަސޭހަކަމާއެކު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށާއި، ޓްރެފިކަރުންނަށް އަދަބެއް ލިބިދާނޭ ކަމުގެ އެއްވެސް ބިރެއް ނެތި އެ ވިޔަފާރިކުރުމަށް މަގުފަހިވެފައިވާ ކަމަށެވެ.
”މިކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކުން ރާއްޖެއަކީ އެވިޔަފާރީގެ މަންޒިލަކަށް ހަދައި, ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓައިލުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.“
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
ޙަސަން ވިދާޅުވީ ޤާނޫނުން ކުށާއި އަދަބު ކަނޑައަޅާފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި، އެ ގަވާއިދު ތަންފީޒު ކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އެ ގޮތުން ޙަސަން ގޮވައިލެއްވީ ”ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު“ ގައިވާ ”މަސްތުވާތަކެއްޗާބެހޭ ޤާނޫނު“ އާ ތަޢާރުޒުވާ ބައިތައް އުނިކުރުމަށެވެ.