ކީރިތި ޤުރުއާނުގެ އެއް އާޔަތް ގަބޫލުކޮށްފައި އަނެއް އާޔަތް ގަބޫލުނުކުރަނީ ކީއްވެތޯ އައްސަވައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ކުރެއްވި ސުވާލަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޖަވާބެއް ނުދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ވަނީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
މޮސްޓާ ސުވާލު ކުރެއްވީ ރާއްޖޭގައި ބަޤަރާސޫރަތުގެ 178 ވަނަ އާޔަތް ގަބޫލުނުކޮށް, 183 ވަނަ އާޔަތް ގަބޫލުކުރަނީ ކީއްވެތޯއެވެ.
”ބަޤަރާސޫރަތުގެ 178 ވަނަ އާޔަތް ގަބޫލުނުކޮށް 183 ވަނަ އާޔަތް ދިވެހިރާއްޖޭގަ ގަބޫލުކުރާތަން މި ފެންނަނީ. އެއީ ކޮން އުސޫލަކުން ކުރާ ކަމެއްކަން ފާހަގަކޮށްލަދީފާނަންތޯ. އެއް އާޔަތް ގަބޫލުކޮށްފަ އަނެއް އާޔަތް ގަބޫލުނުކުރަނީ. 178 ގަބޫލެއްނުކުރޭ ދިވެހިރާއްޖޭގެ ޤާނޫނަކުން ވެސް.“
ބަޤަރާސޫރަތުގެ 178 ވަނަ އާޔަތަކީ ގިސާސް ހިފުން ފަރުޟުކުރެވުނު ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތެވެ. 183 ވަނަ އާޔަތަކީ ރޯދަ ފަރުޟުކުރެވުނު ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތެވެ.
މޮސްޓާ އެ ސުވާލު އެއްކޮށް ނުނިމެނީސް ނަޝީދު ވަނީ މޮސްޓާގެ ވާހަކަ ހުއްޓުވައިފައެވެ.
”މި ދިވެހިރާއްޖޭގައި ތިބި އެންމެ ބޮޑެތި ދަންނަ ބޭކަލުން އަޅުގަނޑުމެންނާއެކު މި ވަގުތު މަޖިލީހުގައި ބައިވެރިވެވަޑައިގެން ތިއްބެވީ. އަޅުގަނޑުމެން އެންމެންނަކީ ވެސް އިސްލާމުން. އެހެންނަމަވެސް އަޅުގަނޑު އުންމީދުކުރަން ޢިއްޒަތްތެރި މެންބަރުން ޢިލްމީ ބޭފުޅުންނަށް އިހުތިރާމު ކުރައްވާނެ ކަމަށް.“ ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު ނަޝީދު ފުރުސަތު ދެއްވީ މިނިސްޓަރަށެވެ. ނަމަވެސް މިނިސްޓަރު އެ ސުވާލަށް ޖަވާބެއް ނުދެއްވައެވެ.
އެކަމާ ގުޅިގެން މޮސްޓާ ނިޒާމީ ނުކުތާއެއް ނެންގެވުމުން ނަޝީދު ވިދާޅުވީ މިނިސްޓަރު ޖަވާބު ނުދެއްވީ މިއަދުގެ މައުޟޫއުއާ ނުގުޅޭ ސުވާލަކަށްވާތީ ކަމަށެވެ.