މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށްޓަކައި ބިލެއް ތައްޔާރުކޮށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށްޓަކައި ކުރެވެނީ ކޮން ކަމެއްތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
”މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށްޓަކައި މިހާރު ސަރުކާރުން ބިލެއް ތައްޔާރުކޮށްފަ ވާނީ އޭޖީއަށް ފޮނުވާފަ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ރައްޔިތުންގެ މަޖިލީހާ ހިސާބަށް އަންނާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ.“
މިނިސްޓަރު ވިދާޅުވީ ޒަކާތްދެއްކުން މި އޮންނަނީ އިޚުތިޔާރީ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި އެއްވެސް ބޭފުޅެއްގެ އަތުން ގަދަކަމުން ނެގޭ އުސޫލެއް ނޯންނަ ކަމަށާއި ހަމަޖެހިފައި އޮންނަނީ ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅަކު ޒަކާތް ދެއްކޭ ގޮތަށް ކަމަށެވެ.