ރާއްޖޭގައި ކެސިނޯއަޅަން އިސްލާމިކް މިނިސްޓްރީން ހުއްދައެެއް ނުދެވޭނެ ކަމަށް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޖާބިރު ސުވާލު ކުރެއްވީ ރާއްޖޭގައި ބަނގުރަލާއި އޫރުމަސް ވިއްކަނީ ކޮން ހުއްދައެއްގެ ދަށުންތޯއާއި އެފަދަ ވިޔަފާރިތަކަށް ހުއްދަދީފައި، ކެސިނޯއަޅަން ހުއްދަ ނުދޭންވީ ކީއްވެތޯއެވެ.
”ކެސިނޯ އަޅަން އިސްލާމިކް މިނިސްޓްރީން ހުއްދައެއް ނުއެއްދެވޭނެ. ދީނުގަ މަނާކުރައްވާފައި އޮންނަ ކަމެއް އެއީ. ދެން ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދައެއް އަޅުގަނޑުމެން ނުއެއް ދެން.“ ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ޣައިރު މުސްލިމުންނަށް ރަލާއި އޫރުމަސް ވިއްކުމަށްޓަކައި ހުއްދަ ދެވިފައި އޮންނަނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށެވެ.އެ ގޮތުން ދިވެހިންނަށް އެ ކަންތައްތަކުގައި ޝާމިލްނުވެވޭނެ ކަމަށާއި އަދި ދިވެހިން އެ މަސައްކަތުގައި ނޫޅުމަށާއި މިކަަހަލަ ޝަރުތުތަކާއެކީ މާކުރީއްސުރެ ދެވިފައި އޮންނަ ހުއްދައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.